އީރާންގެ ރައީސްއާ ބައްދަލު ކުރައްވަން ޓްރަމްޕް ހުންނެވީ ތައްޔާރަށް

ވޮޝިންޓަން (ޖުލައި 31) - އެއްވެސް ޝަރުތެއް ނެތި އީރާނުގެ ވެރިންނާ ބައްދަލު ކުރަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


"އީރާނުގެ ވެރިން ބޭނުންވާ ކޮންމެ ގަޑިއަކު ބައްދަލުކޮށްފާނަން. ކޮންމެ މީހަކާ ވެސް ބައްދަލު ކޮށްފާނަން،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕުގެ ފަރާތުން ސުލްހައިގެ މި ހުށަހެޅުން އައިސްފައި މި ވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީއާ އެކު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށް ފަހު އެވެ.

އެމެރިކާ އިން މެއި މަހު ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެފަ އެވެ. އަދި އެމެރިކާ އިން ދަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅަން މަސައްކަތް ކުރަމުންނެވެ.

"އެ މީހުން ބޭނުމިއްޔާ އަޅުގަނޑު މިހުރީ ބައްދަލު ކުރަން ތައްޔާރަށް،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާންގެ ރައީސް ހަސަން ރޫހާނީގެ މުޝީރު ހާމިދު އަބޫ ތާލިބް ވިދާޅުވީ އެމެރިކާއާ އެކު މަޝްވަރާތަކަށް މަގު ފަހިވާނީ ނިއުކްލިއާ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިވެ އަދި އީރާނުގެ ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމް ކުރުމުން ކަމަށެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރުގެ އީރާނުގެ އިސްލާމީ އިންގިލާބަށް ފަހު އީރާނާއި އެމެރިކާގެ ވެރިން ބައްދަލުކޮށްފައެއް ނުވެ އެވެ.

ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ވަރަށް ވަރުގަދަ އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. އެކަމަކު އެންމެ ފަހުން މިދިޔަ މަހު 12 ވަނަ ދުވަހު ޓްރަމްޕް ވަނީ ކިމްއާ ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ