ސީރިއާގެ ހަލަބު ސިޓީގެ ހަނގުރާމަ ހޫނުވެއްޖެ

ދިމިޝްގު (އޮގަސްޓް 3) - ސީރިއާގެ ހަލަބު ސިޓީގައި ހަނގުރާމަ ހޫނުވެ ސަރުކާރު ސިފައިންގެ އަތް ދަށުގައިވާ ސަރަހައްދުތައް އަތުލުމަށް ބާޣީ ސިފައިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.


ހަލަބު ސިޓީގެ ރަމޫސާ އަވަށުގައި ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައި އޮތް ޓަނަލެއްގައި އިދިކޮޅު ހަނގުރާމަވެރިން ވަނީ ބާރުގަދަ ބޮމެއް ގޮއްވާލައިފަ އެވެ. ބާޣީ ހަނގުރާމަވެރިން ހުއްޓުވުމަށް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ސިފައިން ހަމަލާ ދެމުން ދަނީ ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓުތަކުގެ ވައިގެ ހަމަލާތަކުގެ އެހީގަ އެވެ.

ސީރިއާގެ ހަލަބު ސިޓީގެ ދެކުނުގައި ސަރުކާރާ ދެކޮޅު ސިފައިން ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ

ހަލަބުގައި ބާޣީ ސިފައިންގެ އަތް ދަށުގައިވާ ސަރަހައްދުތަކާއި އެހެން ހިސާބުތަކާ، ސަރުކާރު ސިފައިން މިދިޔަ މަހު ވަނީ ގުޅުން ކަނޑާލައިފަ އެވެ. އަދި ބާޣީންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގައި 250،000 ވަރަކަށް އާއްމުން ތާށިވެފައި ތިބި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ސަރުކާރާ ދެކޮޅު ސިފައިންގެ ކޮމާންޑަރަކު ރޮއިޓާސް އަށް ބުނީ ރަމޫސާ އަވަށުގައި އެ މީހުން ކުރިއަރަން ހުރަސް އަޅާފައި ވަނީ ރަޝިޔާގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. ހަލަބުގެ ހަނގުރާމައިގައި ސަރުކާރު ސިފައިންނާ ދެކޮޅަށް ހަމަލާ ދިނުމަށް 10،000 ސިފައިންނާއި 95 ޓޭންކު އަދި އެތައް ރޮކެޓް ލޯންޗަރެއް ފޮނުވާފައިވާ ކަމަށް އެހެން ހަނގުރާމަވެރިއަކު ބުންޏެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގުގެ އިރުން އޮންނަ ސަރަހައްދެއްގައި ދިން ވައިގެ ހަމަލާތަކުން ސަލާމަތް ވުމަށް ކުޑަ ކުއްޖަކު ގޮވައިގެން ދަނީ. --ފޮޓޯ:އޭއެފްޕީ

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ސަރުކާރު ސިފައިންގެ ޕޯސްޓްތަކަށް ޖާނުންފިދާވުމުގެ ހަމަލާ ދިނުމަށް އިދިކޮޅު ހަނގުރާމަވެރިން ވަނީ ތައްޔާރުވެފަ އެވެ. އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މިއީ ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިން މިހާތަނަށް ދެމުންދާ އެންމެ ވަރުގަދަ ހަމަލާތައް ކަމަށެވެ.

އޮބްޒަވޭޓަރީގެ ވެރިޔާ ރާމީ އަބްދުލް ރަހުމާން ބުނީ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި އޮތް އަށް އަވަށުގެ ތެރޭން ފަސް އަވަށް ސަރުކާރު ސިފައިންނަށް އަތުލެވުނީ ރަޝިޔާގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. ހަލަބުގައި އާދިއްތަ ދުވަހުން ފެށިގެން ހަނގުރާމަ ހޫނުވި ފަހުން މިހާތަނަށް އިދކޮޅު ހަނގުރާމަވެރިންގެ ތެރޭން 50 މީހުން މަރުވެފައިވާ ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ. އަދި ސަރުކާރު ސިފައިންގެ ތެރޭން ވެސް ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ސީރިއާގެ ހަލަބުގައި ހަނގުރާމަ ވަރުގަދަވުމުން އެ ސިޓީގެ ބޮޑު ބައެއް މިހާރު ވަނީ ސުންނާތިވެފައި. --ފޮޓޯ:އޭޕީ

ހަލަބު ސިޓީއާ ކައިރީގައިވާ ސަރަގިބު އަށް ކްލޮރިން ގޭހުގެ ހަމަލާއެއް ދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މި ހަމަލާގައި 30 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. ކްލޮރިން ގޭހުގެ އަސަރު ކުރުމުން ނޭވާ ކުރުވެ އަނގައިން ލޭ އަންނަ ގޮތްވެ އެވެ. ކްލޮރިން ގޭހުގެ ހަމަލާ ދިނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު މި ހަމަލާ ދީފައި ވަނީ ރަޝިޔާގެ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލި ހިސާބުގަ އެވެ. ހެލިކޮޕްޓަރު ވައްޓާލުމުން އޭގައި ތިބި ފަސް މީހުން ވަނީ މަރުވެފަ އެވެ. އަދި މިއީ ސެޕްޓެމްބަރު މަހު ސީރިއާގައި ރަޝިޔާ އިން ވައިގެ ހަމަލާ ދޭން ފެށި ފަހުން އެ ގައުމަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.

ސީރިއާ ސަރުކާރާ ދެކޮޅު ސިފައިން ހަމަލާދީ ވައްޓާލި ކަމަށް ބުނާ ރަޝިޔާގެ ހެލިކޮޕްޓަރު. --ފޮޓޯ:އޭއެފްޕީ

ހަލަބަކީ އެއް ދުވަސްވަރެއްގައި ސީރިއާގެ ވިޔަފާރީގެ ވެރިރަށެވެ. އަދި ތާރީޚީ ގޮތުން މުއްސަނދި ރަށެކެވެ. އެކަމަކު ސީރިއާގެ ފަސް އަހަރުވީ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ސިޓީ މިހާރު ވަނީ ސުންނާފަތިކޮށްލައިފަ އެވެ.