ނަޖީބު ރައްޒާގުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފި

ކުއާލަ ލަމްޕޫރު (އޮގަސްޓް 8) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފި އެވެ.


އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި މިހާރު ވެސް ދައުވާކޮށްފައިވާ ނަޖީބު، 65، އިއްޔެ ވަނީ މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އަށް ހާޒިރުކޮށްފަ އެވެ. ނަޖީބާ 45 މިނިޓްވަންދެން ސުވާލުކުރުމަށް ފަހު އެންޓި-ކޮރަޕްޝަން އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގ ބޮޑު ވަޒީރުގެ މައްޗަށް މަނީ ލޯންޑްރިން ގާނޫނުގެ ދަށުން ދައުވާ ކުރާނެ ކަމަށެވެ.

މަނީ ލޯންޑްރިންގެ ޝަރީއަތަށް ނަޖީބު މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަޖީބުގެ މައްޗަށް ކުރިން އުފުލާފައިވާ ޖިނާއީ ތިން ދައުވާ ސާބިތުވެއްޖެ ނަމަ ކޮންމެ ކުށަކަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރްހާދު (1އެމްޑީބީ) ގެ ސަބްސިޑަރީއެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލުން ނަޖީބުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ މައްސަލާގައި އޭނާގެ މައްޗަށް މިދިޔަ މަހު ވަނީ ކޮރަޕްޝަނުގެ ދައުވާ ކޮށްފަ އެވެ.

1އެމްޑީބީގެ ޚިޔާނާތުގެ މައްސަލަތައް ތިން ގައުމަކުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި ސިންގަޕޫރާއި ސްވިޒަލެންޑް އަދި އެމެރިކާ ހިމެނެ އެވެ.

1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ 250 މިލިއަން ޑޮލަރު (އެއް ބިލިއަން ރިންގިޓް) ގެ ސުޕަ ޔޮޓް މެލޭޝިއާ އިން އިއްޔެ ވަނީ ގެނެސްފަ އެވެ.

ނަޖީބާ ގުޅުން ހުރި ތަންތަނުން މެލޭޝިއާ ފުލުހުން މެއި މަހު ވަނީ 273 މިލިއަން ޑޮލަރުގެ ތަކެތި ހޯދައިފަ އެވެ. މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ ސަބަބަކީ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.