ފިޔަވަޅު އެޅިއަސް ސައުދީގެ އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާނަން: ކެނެޑާ

އޮޓާވާ (އޮގަސްޓް 9) - ސައުދީ އަރަބިއާ އިން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާނެ ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ އެވެ.


"އެއްވެސް ގައުމެއްގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާ ނަމަ އެ ވާހަކަ ކެނެޑާ އިން ދައްކާނެ،" ސައުދީން މައާފަށް ނޭދޭނެ ކަމަށް ވިދާޅުވެ ޓްރޫޑޯ ވިދާޅުވި އެވެ.

ސައުދީން ފިޔަވަޅު އަޅަމުން ދިޔަ ނަމަވެސް އެ ގައުމާ އެކު އޮތް ސިޔާސީ ގުޅުންތައް ދަށަށް ދިއުމަކީ ކެނެޑާ އިން އެދޭ ގޮތް ނޫން ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ. ކެނެޑާގެ ޚާރިޖީ ވަޒީރު ކްރިސްޓިއާ ފްރީލެންޑް ގެންދަވަނީ ސައުދީގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރާ ފޯނުން ގުޅުއްވާ ދެ ގައުމުގެ މެދުގައި ހުރި މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރައްވަމުން ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.

ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ބޮޑު މައްސަލަ ގަނޑެއް އުފެދިފައި މި ވަނީ ސައުދީގައި ހައްޔަރުކޮށްފައިވާ އަންހެން އެކްޓިވިސްޓުން ދޫކޮށްލަން ކެނެޑާ އިން ގޮވާލުމާ ގުޅިގެންނެވެ.

މިނިވަން ކުރަން ކެނެޑާ އިން ގޮވާލި ފަރާތްތަކުގެ ތެރޭގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ސައުދީގެ އެކްޓިވިސްޓް ސަމަރު ބަދަވީ ހިމެނެ އެވެ. އޭނާގެ ބޭބެ ބްލޮގަރެއް ކަމަށްވާ ރައީފް ބަދަހީ ވެސް ހުރީ 10 އަހަރުގެ ހުކުމެއްގައި ޖަލުގަ އެވެ. ރާއިފްގެ އަންހެނުން އިންސާފް ހައިދަރު ދިރިއުޅެނީ ކެނެޑާގަ އެވެ. ދާދި ފަހުން އޭނާ އަށް ވަނީ ކެނެޑާގެ ރަށްވެހިކަން ވެސް ދީފަ އެވެ.

ސައުދީން ވަނީ ކެނެޑާ ސަފީރު ފޮނުވާލުމަށް ފަހު ކެނެޑާގައި ހުރި ސައުދީ ސަފީރު އަނބުރާ ގެނެސްފަ އެވެ. އަދި ސައުދީ އެއާލައިނުގެ ދަތުރުތައް ޓޮރޮންޓޯ އަށް ވަނީ ހުއްޓާލައިފަ އެވެ. މީގެ އިތުރުން ސައުދީ މީހުން ކެނެޑާ އިން ބޭސްފަރުވާ ހޯދުން މަނާކޮށް ކެނެޑާގައި ތިބި ސައުދީ ކިޔަވާ ކުދިން ވަނީ އަނބުރާ ގެންނަން ފަށައިފަ އެވެ. ކެނެޑާގައި ސައުދީގެ 15،000 ކުދިން ކިޔަވަ އެވެ. ސައުދީން ބުނީ ކެނެޑާއާ ދެކޮޅަށް އަދިވެސް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.