މަރުވި ދަރި އަދިވެސް ބޮޑު މަހުގެ ބުރަކަށި މަތީ، މިހާރު 16 ދުވަސް

ވޮޝިންޓަން (އޮގަސްޓް 10) - މަރުވެފައިވާ ދަރި "ނޭފަތުކުރިއަށް" ލައިގެން އުފުލައިގެން ބޮޑު މަހެއް ދުނިޔޭގެ ސަމާލުކަން މި ވަނީ ހޯދައިފަ އެވެ.


ބްރިޓިޝް ކޮލަމްބިއާގެ އައްސޭރިން ބޭރަށް ޖޭ35 ނަން ދީފައިވާ ކިލާ ވޭލް، ވިހޭތާ ބައި ގަޑިއިރު ތެރޭ ވަނީ އޭގެ ދަރި މަރުވެފަ އެވެ. މަރުވި ދަރި ބޮޑު މަހުގެ ބުރަކަށި މަތީގައި އުފުލާ މަންޒަރު ފުރަތަމަ ފާހަގަ ކުރެވުނީ ޖުލައި 24 ވަނަ ދުވަހު އެވެ. ޖޭ35 ބޮޑު މަސް ސްޓަޑީ ކުރަމުންދާ ސައެންސް ވެރިން ބުނަނީ އަދިވެސް ދަނީ އޭގެ މަރުވެފައިވާ ދަރި ބުރަކަށި މަތީގައި އުފުލަމުން ކަމަށެވެ. މަރުވި ދަރިއާ އެކު ބޮޑު މަސް ދަތުރު ކުރަމުން ދަނިކޮށް ބުދަ ދުވަހު ވެސް ފެނިފައިވެ އެވެ.

ކިލާ ވޭލްގެ މަރުވެފައިވާ ދަރި ގޮވައިގެން އެންމެ ދިގު މުއްތަކަށް ވެސް ދަތުރު ކުރަނީ ހަފުތާއެއްހާ ދުވަހަށް ކަމަށްވެ އެވެ. ނަމަވެސް ސައެންސްވެރިން ބުނަނީ ޖޭ35 ވޭލް ވަނީ "އާ ރެކޯޑެއް" ހަދާފައި ކަމަށެވެ.

ބޮޑު މަހުގެ ބުރަކަށި މަތީގައި މަރުވެފައިވާ ދަރި އުފުލަނީ: ފޮޓޯ: ސެންޓަ ފޯ ވޭލް ރިސާޗް

ސަދަން ރެސިޑެންޓް ބޮޑު މަހުގެ އާބާދީ ސްޓަޑީ ކުރާ ސެންޓަ ފޯ ވޭލް ރިސާޗުގެ ސީނިއާ ސައެންސްވެރިޔާ ކެން ބެލްކޮމް ވިދާޅުވީ ބޮޑު މަހުގެ އިތުރު ދެ ދަރިން މަރުވެފައިވާ ކަމަށް ބެލެވޭ އިރު މިއީ އަނެއްކާ ވެސް އޭގެ ދަރިއެއް މަރުވުމުން ކުރަމުންދާ ހިތާމަ ކަމަށެވެ.

އެމެރިކާ އާއި ކެނެޑާ އިން ވަނީ ސަދަން ރެސިޑެންޓް ކިލާ ވޭލް، ހުސްވަމުންދާ ޖަނަވާރުގެ ލިސްޓުގައި ހިމަނައިފަ އެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭ އުފަންވި ސަދަން ރެސިޑެންޓް ކިލާ ވޭލުގެ ތެރޭން ސަލާމަތްވެފައި ވަނީ ތިންބައިކުޅަ އެއްބައެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން ވިކްޓޯރިއާ އޭރިއާގައި ކިލާ ވޭލެއް ވިހޭ އިރު ކުޑަ ދަރި މަރުނުވެ އޮތް ފުރަތަމަ ފަހަރެވެ. އެކަމަކު އެ ވޭލް ވެސް އެ ވަނީ ބައިގަޑިއެއްހާ އިރު ތެރޭ މަރުވެފަ އެވެ.

ބޮޑު މަހުގެ ބުރަކަށި މަތީގައި 180 ކިލޯގެ ދަރި ބާއްވައިގެން ކޮންމެ ދުވަހަކު 96-112 ކިލޯ މީޓަރު (60-70 މޭލު) އަށް ދަތުރު ކުރި އެވެ. އުމުރުން 20 އަހަރުވެފައިވާ ކިލާ ވޭލް ނުވަތަ އޮކާ (ޖޭ35)، 17 މަސް ދުވަސް ވަންދެން ކުޑަ ދަރިއަށް އިންތިޒާރު ކުރި އެވެ. ސައެންސްވެރިން ވިދާޅުވަނީ ކިލާ ވޭލްގެ ފަރާތުން ވެސް ފެނިގެން އެ ދަނީ އިންސާނުންނަށް ލިބޭ ކުޑަ ދަރިފުޅު ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދުނިޔެ ދޫކޮށް ދިއުމުން ލިބޭ ހިތާމަ ކަމަށެވެ.