މުސްލިމުންގެ އިހްތިޖާޖާ ގުޅިގެން މިސްކިތް ތަޅާލުން މަޑުޖައްސާލައިފި

ނިންގްޒިއާ (އޮގަސްޓް 12) - ޗައިނާގެ ހުޅަނގު އުތުރުގެ ނިންގްޒިއާ ސަރަހައްދުގައި އަލަށް އިމާރާތްކޮށްފައިވާ ބޮޑު މިސްކިތް ތަޅާލަން އުޅޭތީ އެ ގައުމުގެ ގިނަ އަދަދެއްގެ މުސްލިމުން ނުކުމެ އިހްތިޖާޖް ކުރަން ފެށުމާ އެކު މިސްކިތް ތަޅާލުން މަޑުޖައްސާލައިފި އެވެ.


ޗައިނާގެ އެކި ހިސާބުތަކުގައި މުސްލިމުންނަށް މިނިވަންކަމާ އެކު އަޅުކަން ކުރަން އޮންނަ ފުރުސަތުތައް ބަންދު ކުރަން ކޮމިއުނިސްޓް ޕާޓީން މަސައްކަތް ކުރަމުންދާ އިރު ނިންގްޒިއާ ސިޓީގައި އިމާރާތްކޮށްފައިވާ ބޮޑު މިސްކިތް ތަޅާލަން އުޅުނީ މިސްކިތް ބިނާކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ. އެކަމަކު ފުލުހުން މިސްކިތް ވަށާ ގާޑުކޮށްފައިވާ އިރު މުސްލިމުން ނުކުމެ ދިޔައީ މިސްކިތް ތަޅާލުމާ ދެކޮޅަށް ވަރުގަދަ އަށް އިހްތިޖާޖް ކުރަމުންނެވެ.

މުސްލިމުންގެ އިހްތިޖާޖާ ގުޅިގެން ސަރުކާރުގެ އޮފިޝަލަކު އިއްޔެ އިއްވި ބަޔާނުގައި ބުނެފައި ވަނީ މިސްކިތް ތަޅާލުން މަޑުޖައްސާލައިފައިވާ ކަމަށެވެ. ސަރުކާރުން އެހެން އިއުލާން ކުރުމާ އެކު އިހްތިޖާޖްގައި ތިބި ގިނަ ބަޔަކު ވަނީ އަނބުރާ ގޮސްފަ އެވެ.

މިސްކިތް ތަޅާލަން އުޅޭތީ ޗައިނާގެ ވަރަށް ދުރު ހިސާބުތަކުން ވެސް މުސްލިމުން ވަނީ ނިންގްޒިއާ އަށް ޖަމާވެފަ އެވެ. މިސްކިތް ވަށައިގެން 14 ކިލޯ މީޓަރުގެ ސަރަހައްދަކުން ވަނީ އިންޓަނެޓުގެ ޚިދުމަތް ވެސް ކަނޑާލައިފަ އެވެ.

ޗައިނާގައި މީގެ ކުރިން އިމާރާތްކޮށްފައިވާ މިސްކިތްތައް ހުންނަނީ ޗައިނީޒް ސްޓައިލަކަށެވެ. ނަމަވެސް ތަޅާލަން އުޅޭ މިސްކިތް ބިނާކޮށްފައި ވަނީ މެދުއިރުމަތީގެ އަރަބި ސްޓައިލަކަށެވެ.

ޗައިނާގެ ބައެއް މުސްލިމުން ބުނި ގޮތުގައި މިސްކިތް އިމާރާތް ކުރަމުން ދިޔައިރު މަސައްކަތް ނުހުއްޓުވައި މިސްކިތް ނިމުނީމާ ގަވާއިދާ ޚިލާފަށް ހަދާފައި ހުރި އިމާރާތެއް ކަމަށް ބުނުމުން ސުވާލު އުފެދޭ ކަމަށެވެ. މިސްކިތް ނިންމަން ދެ އަހަރު ހޭދަވި އެވެ.

ޗައިނާގައި 23 މިލިއަން މުސްލިމުން ދިރިއުޅެ އެވެ. ޗައިނާގައި ރަސްމީކޮށް ބަލައިގެންފައިވާ ފަސް ދީނުގެ ތެރޭގައި އިސްލާމް ދީން ވެސް ހިމެނެ އެވެ.