ސަލާމް ނުކުރުމުން މުސްލިމް ދެމަފިރިންނަށް ރަށްވެހިކަން ނުދިން

ޖެނީވާ (އޮގަސްޓް 19) - އިންޓަވިއުގައި އިދިކޮޅު ޖިންސުގެ މީހުންނާ ސަލާމް ކުރަން ދެކޮޅު ހެދި ދެމަފިރިއަކަށް ސްވިޒަލެންޑުގެ ރަށްވެހިކަން ދޭން ދެކޮޅު ހަދައިފި އެވެ.


އޮފިޝަލުން ބުނެފައި ވަނީ އެ ދެމަފިރިން ވަނީ ދެ ޖިންސްގެ ހަމަހަމަ ކަމަށް އިހްތިރާމް ކުޑަކޮށްފައި ކަމަށެވެ. އެއީ ކޮން ގައުމެއްގެ ދެމަފިރިންކަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ ނޯތު އެފްރިކާ އަށް ނިސްބަތްވާ ދެ މީހުން ކަމަށް ސްވިޒަލެންޑުގެ މީޑިއާތަކުން ބުނެފައިވެ އެވެ.

ސްވިޒަލެންޑުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ ގައުމުގެ ރަށްވެހިންނަށް ވެވޭނީ ސްވިސް މުޖްތަމައާ އެކުވެގެން އުޅެވޭނެ މީހުންނަށް ކަމަށެވެ. އަދި އެ ދެމަފިރިންނަށް ސްވިޒަލެންޑުގެ ރަށްވެހިކަން ދޭން ދެކޮޅު ހެދީ އެ މީހުން ނިސްބަތްވާ ދީނުގެ ސަބަބުން ނޫން ކަމަށާއި ނަމަވެސް ޖިންސުގެ ހަމަހަމަ ކަމަށް އިހްތިރާމް ނުކުރުމުން ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

މިއީ ސަލާމް ކުރަން ދެކޮޅު ހެދުމުން ސްވިޒަލެންޑުގައި މައްސަލަ ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. ދެހާސް ސޯޅަ ވަނަ އަހަރު ވެސް ވަނީ ސްވިޒަލެންޑުގެ ސްކޫލެއްގައި އަންހެން ޓީޗަރުންނާ ސަލާމް ކުރަން ދެކޮޅު ހެދި ދެ ފިރިހެން ކުދިން ސްކޫލުން ވަކިކޮށްފަ އެވެ.

ދާދި ފަހުން ވަނީ ވަޒީފާގެ އިންޓަވިއުގެ ތެރޭގައި ފިރިހެނަކާ ސަލާމަތް ކުރަން ދެކޮޅު ހެދި ސްވިޑަންގެ މުސްލިމް އަންހެނެއްގެ މައްސަލަ ކޯޓުގައި ކާމިޔާބުވެ އޭނާ އަށް ބަދަލު ދޭން ހުކުމްކޮށްފަ އެވެ.

މިދިޔަ އެޕްރީލް މަހު ވަނީ ރައްވެހިކަން ދިނުމުގެ ރަސްމިއްޔާތެއްގައި ފްރާންސްގެ އޮފިޝަލުންނާ ސަލާމް ކުރަން ދެކޮޅު ހެދި އަލްޖީރިއާގެ އަންހެނަކަށް ފްރާންސްގެ ރައްވެހިކަން ދިނުން ކެންސަލްކޮށްފަ އެވެ.