އަލްގައިދާގެ ބޮން ހަދާ އިސް މީހާ މަރާލައިފި

ސަންއާ (އޮގަސްޓް 22) - އަލްގައިދާ ޖަމާއަތުގައި ބޮން އުފައްދާ އެންމެ އިސް މީހާ ކަމަށްވާ އިބްރާހިމް އަލް އާސިރީ ޔަމަނުން މަރާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.


ސައުދީ އަށް އުފަން އާސިރީ މަރާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ލަފާ ކުރަނީ މިދިޔަ އަހަރު އެމެރިކާ އިން ޔަމަނަށް ދިން ޑްރޯން ހަމަލާތަކުގައި ކަމަށެވެ.

އާސިރީ، 36، އަކީ 2009 ވަނަ އަހަރު ކަނޑުއަޑީގައި ގޮއްވާލަން އުޅުނު ބޮމުގެ ފަހަތުގައިވާ މީހާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި 2010 ވަނަ އަހަރު ކާގޯ މަތިންދާ ބޯޓެއްގައި ބޮން ހަރުކޮށްގެން ގޮއްވާލަން އުޅުނު ކަމަށް ވެސް އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ. ޖާސޫސީ މައުލޫމާތުން އެނގޭ ގޮތުގައި އޭނާ ވަނީ އެމެރިކާ އަށް ދަތުރުކުރާ މަތިންދާ ބޯޓެއްގައި ލެޕްޓޮޕް ނުވަތަ ޓެބްލެޓެއްގައި ފޮރުވައިގެން ގެންދެވޭނެ ބޮމެއް ތައްޔާރު ކުރަން މަސައްކަތް ކޮށްފަ އެވެ. އެހެންވެ އެމެރިކާ އިން މިދިޔަ އަހަރުގެ މާޗް މަހު ވަނީ މެދުއިރުމަތީގެ ގިނަ ގައުމުތަކަކުން އެމެރިކާ އަށް ދަތުރު ކުރާ ބޯޓުތަކުގެ ހޭންޑް ލަގޭޖްގައި ލެޕްޓޮޕާއި ޓެބްލެޓް ގެންދިއުން މަނާކޮށްފަ އެވެ.

އދ. އިން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ވެސް ވަނީ އާސިރީ މަރުވެއްޖެ ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. އަދި އެއީ އަލްގައިދާ އަށް ލިބޭނެ ބޮޑު ދެރައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އާސިރީގެ ނަން އެމެރިކާ އިން ވަނީ ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފަ އެވެ. އަަދި އޭނާގެ ބޮލަށް ވަނީ ފަސް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.