އެމެރިކާގެ ކޭއެފްސީއަކުން މެކްސިކޯގެ އެނދެއްގެ ދަށަށް ކޮނެފައިވާ ޑްރަގު މަގެއް ހޯދައިފި

އެރިޒޯނާ (އޮގަސްޓް 24) - އެމެރިކާގެ އެރިޒޯނާ ސްޓޭޓުގައި ކުރިން ހިންގި ކޭއެފްސީ ރެސްޓޯރަންޓަކުން ފެށިގެން މެކްސިކޯގެ ގެއެއްގެ ކޮޓަރީގެ އެނދެއްގެ ދަށާ ހަމައަށް ކޮނެފައިވާ ޑްރަގު ސަޕްލައި ކުރާ ބިމުއަޑީ މަގެއް އެމެރިކާ ފުލުހުން ހޯދައިފި އެވެ.


ގާތްގަނޑަކަށް 600 ފޫޓް (180 މީޓަރު) ގެ ދިގު މަގު ކޮނެފައި ވަނީ ސެން ލުއިސްގެ ކުރީގެ ކޭއެފްސީ ރެސްޓޯރެންޓުގެ ބޭސްމަންޓުން ފެށިގެން މެކްސިކޯގެ ރިއޯ ކޮލަރާޑޯގެ ގެއެއްގެ އެނދު ދަށާ ހަމައަށެވެ. ފުލުހުން މިހާރު ވަނީ އެރިޒޯނާގައި ހުރި ކޭއެފްސީ ރެސްޓޯރަންޓް ހިނގި އިމާރާތުގެ ވެރި މީހާ ހައްޔަރުކޮށްފަ އެވެ.

ބިމު އަޑީ މަގުގެ ދިގު މިނުގައި 600 ފޫޓު ހުރި. --ފޮޓޯ: ހޯމްލޭންޑް ސެކިއުރިޓީ

އެމެރިކާ އާއި މެކްސިކޯއާ ދެމެދު ޑްރަގު ސަޕްލައި ކުރާ ބިމުއަޑީ މަގު ހޯދާފައި ވަނީ ޓްރެފިކް ޗެކް ކުރުމުގެ ތެރޭގައި އަތުލައިގަތް މީހެއް ކަމަށްވާ އިވާން ލޮޕޭޒްގެ ފަރާތުންނެވެ. ޕޮލިސް ކުއްތާގެ އެހީގައި ހިފެހެއްޓި ލޮޕޭޒްގެ ވެހިކަލްގެ ތެރޭން ވަނީ ދެ ކޮންޓެއިނާގެ ޑްރަގު އަތުލައިގެންފަ އެވެ. އެ ތަކެތީގެ މަގުމަތީގެ އަގު އެއް މިލިއަން ޑޮލަރަށް އަރަ އެވެ. ފުލުހުން ވަނީ ލޮޕޭޒްގެ ގެ އާއި އޭނާ ކުރިން ހިންގި ކޭއެފްސީ ރެސްޓޯރެންޓް ޗެކްކޮށްފަ އެވެ. ބިމު އަޑިން މަގެއް ކޮނެފައިވާކަން ފުލުހުންނަށް އެނގުނީ ކޭއެފްސީ ރެސްޓޯރެންޓް ޗެކް ކުރުމުގެ ތެރޭގަ އެވެ. ބިމު އަޑީ މަގު ކޮނެފައި ވަނީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭންނެވެ.

ޓަނެއްގެ އެއްކޮޅު ގުޅިފައި ވަނީ އެރިޒޯނާގެ ކޭއެފްސީ ރެސްޓޯރަންޓަކާ. --ފޮޓޯ: ހޯމްލޭންޑް ސެކިއުރިޓީ

މަގު ކޮނެފައި ވަނީ 22 ފޫޓު އަޑިންނެވެ. އުސް މިނުގައި ފަސް ފޫޓް އަދި ފުޅާ މިނުގައި ތިން ފޫޓު ހުއްޓެވެ. ބިމުއަޑީ މަގުގެ އަނެއްކޮޅު ގުޅިފައި ވަނީ މެކްސިކޯގެ ގެއެއްގެ އެނދުގެ ދޮށުގައިވާ ޓްރެޕް ޑޯ (ތަޅުންގަނޑުން ހިއްލޭ ގޮތަށް ހުންނަ ދޮރު) އަކުންނެވެ.

މިދިޔަ ޖުލައި މަހު އެކަނި ވެސް ވަނީ އެމެރިކާގެ ބޯޑަ ޕެޓްރޯލުން 15 ކިލޯގެ ހެރޮއިން، 24 ރާތަލުގެ ކޮޮކޭން، 327 ކިލޯގެ މެތަމްފެޓަމިން އަދި 1،900 ކިލޯގެ މެރުއާނާ އަތުލައިގެންފަ އެވެ. މެކްސިކޯގެ ބޯޑަރުގައި ފާރެއް ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ މި ސަބަބާ ހުރެ އެވެ.