އިންޑިއާގެ ޓެކްސް ނިޒާމު ބޮޑު ބަދަލެއްގެ ތެރެއަށް

ނިއު ދިއްލީ (އޮގަސްޓ 5) - އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރަމުން ދިޔަ ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ބިލް އިންޑިއާގެ ޕާލަމެންޓުން ފާސް ކުރުމާ އެކު އެ ގައުމުގެ ޓެކްސް ނިޒާމަށް ބޮޑު ބަދަލެއް އަންނަން ތައްޔާރުވެއްޖެ އެވެ


މިއީ އިންޑިއާ އަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުގެ ޓެކްސްގެ ނިޒާމަށް ގެންނަ އެންމެ ބޮޑު ބަދަލެވެ. އާ ޓެކްސްގެ ނިޒާމާ އެކު އިންޑިއާ އިން ކުރިން ނަގަމުން ދިޔަ އެކި ބާވަތްތަކުގެ ޓެކްސްތައް އުވި އެއް ޓެކްސްއަކަށް އަމަލު ކުރަން ފަށާނެ އެވެ.

ދުނިޔޭގެ އެންމެ އުނދަގޫ ޓެކްސް ނިޒާމު އޮތް ގައުމުގެ ޓެކްސް ރިފޯމްކުރާ އިރު އިންޑިއާގެ ސޮފްޓްވެއާ ކުންފުނި އިންފޯސިސް އިން ދަނީ ޖީއެސްޓީ ޕޯޓަލްއެއް ޑިވެލޮޕް ކުރަމުންނެވެ. މި ޕޯޓަލް މެދުވެރިކޮށް ޓެކްސް ދައްކާ މީހުން ރަޖިސްޓްރީކޮށް، ފައިސާ ދެއްކޭނެ އެވެ. އިންޑިއާގެ ޓެކްސް ނިޒާމުން 7.5 މިލިއަން ވިޔަފާރި ކަވަރު ކުރާނެ އެވެ.

ޖީއެސްޓީ ނަގާ ގޮތަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އިގްތިސާދީ އިސްލާހީ އެޖެންޑާގައި ހިމަނާފައި ވަނީ އެއް މާކެޓެއް އުފެއްދުމަށެވެ. މިހާރު އޮންނަ ގޮތުން އިންޑިއާގައި ވިއްކާ އެކި އެއްޗެއްސަށް އެކި ސްޓޭޓްތަކުގައި ތަފާތު ޓެކްސްތައް ނަގަ އެވެ. އެކި ސްޓޭޓްތަކުގައި ދަނީ އެންޓަޓެއިންމަންޓް ޓެކްސް، ވީއޭޓީ، ސޭލްސް ޓެކްސް ނުވަތަ ލަގްޒަރީ ޓެކްސް ފަދަ ޓެކްސްތައް ނަގަމުންނެވެ.

ޖީއެސްޓީ ނަގަން އިންޑިއާގެ ކުދި ވިޔަފާރިތައް އަދި ތައްޔާރުވެފައިވާ ކަމާ މެދު ޝައްކު އުފެދޭ.

އާ ޓެކްސްގެ ނިޒާމަށް އަމަލު ކުރަން ފެށުމާ އެކު މުދާ ގެންދާއިރު އެކި ސްޓޭޓްތަކުގެ ސަރަހައްދީ ރޮނގުން ނަގަމުންދާ ޓެކްސްތައް ވެސް އުވިގެންދާނެ އެވެ. މިސާލަކަށް އުތުރުގެ ހަރިޔާނާ ސްޓޭޓުން ޗެންނާއީ އަށް މުދަލެއް ގެންނަ ނަމަ އެ މުދަލަކަށް ހަ ސްޓޭޓަކުން ޓެކްސް ނަގަ އެވެ. އެހެންވެ ބައެއް ސްޓޭޓްތަކުން ވަނީ ޖީއެސްޓީއާ އެކު އެ ސްޓޭޓްތަކުގެ ސަރަހައްދީ ރޮނގުން މުދާ ކްލިއާ ކުރާ އިރު ލިބޭ ޓެކްސް އުނިވާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންވެ މި ސްޓޭޓްތަކުން އާމްދަނީން މަދުވާ ބައި ކުރިއަށް އޮތް ފަސް އަހަރު ދުވަހު މައި ސަރުކާރުން ހަމަޖައްސައިދޭނެ އެވެ.

ޖީއެސްޓީ ބިލް އިންޑިއާގެ ޕާލަމެންޓުގެ މަތީ ގެއިން ފާސްކުރި ނަމަވެސް ގާނޫނަކަށް ހެދުމަށްޓަކައި 29 ސްޓޭޓުގެ ތެރޭން މަދުވެގެން ދެބައިކުޅަ އެއްބައި ސްޓޭޓުން އެ ބިލް ފާސްކުރަން ޖެހެ އެވެ. ސަރުކާރުގެ ޕެނަލަކުން ލަފާދީފައި ވަނީ 17-18 ޕަސެންޓުގައި ޖީއެސްޓީ ނެގުމަށެވެ.

ޖީއެސްޓީ ނަގަން ފެށޭނެ ކަމަށް އިންޑިއާ ސަރުކާރުން ލަފާކުރަނީ އަންނަ އަހަރުގެ އެޕްރީލްހާ ތާންގަ އެވެ.

ބޮޑު ވަޒީރު މޯދީ ވަނީ މިއީ އިންޑިއާގެ އިގްތިސާދުގައި ކުރިއަށް އެޅި ކާމިޔާބު ފިޔަވަޅެއް ކަމަށް ސިފަ ކުރައްވައިފަ އެވެ. އަދި ޕާލަމެންޓުގައި ބިލަށް ވޯޓު ދިން ޕާޓީތަކަަށް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. އިދިކޮޅު ކޮންގްރެސް އިން ވެސް ވަނީ ޓެކްސްގެ ބިލަށް އެންމެ ފަހުން ތާއީދުކޮށްފަ އެވެ. ޖީއެސްޓީ ބިލަށް ކޮންގްރެސް އިން ދެކޮޅު ހަދަމުންދާތާ އަހަރެއްހާ ދުވަސްވެއްޖެ އެވެ. އެކަމަކު ބިލަށް ގެނައި އިސްލާހުތަކާ އެކު އެ ޕާޓީން ވަނީ ތާއިދުކޮށްފަ އެވެ.