ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓުވައިދޭން އީރާނުން ކޯޓުގައި އެދިއްޖެ

ދަ ހޭގު (އޮގަސްޓް 28) - އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އީރާނުން އެދިއްޖެ އެވެ.


އީރާނުގެ ވަކީލް މުހްސިން މުހްބީ ކޯޓުގައި ވިދާޅުވީ އެމެރިކާގެ މަގްސަދަކީ އިގްތިސާދު ހަލާކުކޮށްލުން ކަމަށެވެ. އަދި އެއީ 1955 ވަނަ އަހަރު ދެ ގައުމުގެ މެދުގައި ގާއިމްކޮށްފައިވާ އެމިޓީ، އިކޮނޮމިކްސް ރިލޭޝަންސް އެންޑް ކޮންސިއުލާ ރައިޓްސް މުއާހަދާއާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އިން ބުނެފައި ވަނީ އީރާނުގެ ވާހަކަތައް އައިސީޖޭގައި ދިފާއު ކުރާނެ ކަމަށެވެ. ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އީރާނުން އައިސީޖޭ އަށް މައްސަލަ ހުށަހެޅީ އެމެރިކާގެ މިނިވަން ކަމަށް އަރައިގަތުމަށް ކަމަށެވެ. އަދި އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ކަމެއް ދިފާއު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އީރާނާ އެކު ގާއިމްކޮށްފައިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މެއި މަހު ވަކިވެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ފަހުން އީރާނުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އީރާނުގެ ފައިސާގެ އަގު ވެއްޓި، އިންފްލޭޝަން ރޭޓް 10.2 ޕަސެންޓަށް ބޮޑުވެ އަދި ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 12.5 ޕަސެންޓަށް އަރައިފަ އެވެ.

އީރާނުގެ އިގްތިސާދު ހީނަރުވަމުންދާ މައްސަލައިގައި ފިޔަވަޅުތައް އެޅުމަށް ނުކުޅެދުމުގެ ސަބަބުން ފިނޭންސް މިނިސްޓަރު މަސްއޫދު ކަރްބާސިއަންގެ މައްޗަށް ވަނީ މިދިޔަ ހޯމަ ދުވަހު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކޮށްފަ އެވެ.