ލައިވް ޝޯއެއްގެ ތެރޭން ވަޒީރު އިސްތިއުފާ ދީފި

ޕެރިސް (އޮގަސްޓް 28) - ލައިވް ރޭޑިއޯ ޝޯއެއްގެ ތެރޭން ފްރާންސްގެ ތިމާވެއްޓާ ބެހޭ ވަޒީރު ނިކޮލާ ހުލޯ އިސްތިއުފާ ދެއްވައިފި އެވެ.


ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އަދި ގްރީން އެކްޓިވިސްޓެއް ކަމަށްވާ ހުލޯ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ސަމާލު ކަމަށް ގެނައުމަށް ކުރަން އުޅުނު މަސައްކަތުގައި އެތައް ފަހަރަކު މާޔޫސްކަން ކުރިމަތިވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އިސްތިއުފާ ދިނުމަކީ ވަގުތުން ނިންމި ކަމެއް ކަމަށާއި އަނބިކަނބަލުންނަށް ވެސް އެކަން ނޭނގޭނެ ކަމަށެވެ. އަދި ރައީސް އެމަނުއަލް މެކްރޮން އާއި ބޮޑު ވަޒީރު އެޑޮއާޑް ފިލިޕެ އަރިހު ވެސް އިސްތިއުފާގެ ވާހަކަ ކުރިން ދަންނަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ހުލޯ އަށް ވަނީ ކުރީގެ ރައީސުން ކަމަށްވާ ޖެކް ޝިރާކް، ނިކޮލަސް ސަރުކޯޒީ އަދި ފްރާންސުއާ ހޮލެންޑާގެ ސަރުކާރުން ވެސް ވަޒީރުކަމުގެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް އޭނާ ކެބިނެޓަށް ގެނެވޭ ވަރުވީ މެކްރޮން އަށެވެ.

ފްރާންސް ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ހުލޯ އިސްތިއުފާ ދިނުމަކީ ބޮޑު ދެރައެއް ކަމަށާއި ތިމާވެށީގެ ރޮނގުން ކާމިޔާބީތައް ލިބެމުންދާ އިރު ހުލޯ އިސްތިއުފާ ދެއްވުމަކީ ލިބުނު ހައިރާން ކަމެއް ކަމަށެވެ.