ލީބިއާގެ ޖަލެއް ފަޅާލައި 400 ގައިދީން ފިލައިފި

ޓްރިޕޮލީ (ސެޕްޓެމްބަރު 3) - ލީބިއާގެ ވެރިރަށް ޓްރިޕޮލީގެ ޖަލެއް ފަޅާލައި 400 އަށް ވުރެ ގިނަ ގައިދީން ފިލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ޓްރިޕޮލީގައި ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހަމަނުޖެހުންތައް ހިންގާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ޓްރިޕޮލީގައި ހަމަނުޖެހުން ބޮޑުވުމުން މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ފުލުހުން ބުނީ އައި ޒަރާ ޖަލު ފަޅާލާފައި ގައިދީން ނުކުންނަން ފެށުމުން ގާޑުންނަށް ވެސް ކޮންޓްރޯލް ނުވި ކަމަށެވެ. އަދި ގިނަ ގާޑުން ވަނީ ބިރުން ފަލާފައި ކަމަށް ބުނެފައިވެ އެވެ.

ލީބިއާގެ ވެރިރަށް ޓްރިޕޮލީގެ ހަމަނުޖެހުންތަކުގައި މޯޓަރު ބަޑީގެ ހަމަލާއެއް ދިން ސަރަހައްދަށް ބައެއް މީހުން ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

ޓްރިޕޮލީގެ އިރު ދެކުނުގައި ހުންނަ އައިން ޒަރާ ޖަލުގައި ގިނައިން ތިބެނީ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ސަޕޯޓަރުން ކަމަށްވެ އެވެ.

ލީބިއާގެ ހެލްތު މިނިސްޓްރީން ބުނީ ޓްރިޕޮލީގައި ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ތެރޭ ހިންގި ހަމަނުޖެހުންތަކުގައި 47 މީހުން މަރުވެފައިވާ ކަމަށެވެ.