ކެމިކަލް ހަމަލާ އަށް ފަހު ޓްރަމްޕް ބޭނުންވީ އަސަދު އަވަހާރަކޮށްލަން

ވޮޝިންޓަން (ސެޕްޓެމްބަރު 5) - މިދިޔަ އަހަރުގެ އެޕްރީލް މަހު ސީރިއާ ސަރުކާރުން ދިން ކަމަށް ބުނާ ކެމިކަލް ހަމަލާ އަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އަވަހާރަކޮށްލުން ކަމަށް މަޝްހޫރު ނޫސްވެރިޔާ ބޮބް ވުޑްވާޑުގެ ފަހުގެ ފޮތުގައި ބުނެފި އެވެ.


ސީރިއާގެ ޚާން ޝެއިޚޫންގައި ދިން ކެމިކަލް ހަމަލާގައި ވަނީ 80 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ވުޑްވާޑުގެ ފަހުގެ ފޮތް "ފިއާ: ޓްރަމްޕް އިން ވައިޓްހައުސް" ގައި ބުނެފައި ވަނީ ކެމިކަލް ހަމަލާ އަށް ފަހު ޓްރަމްޕް ބޭނުންވީ އެމެރިކާ ސިފައިން ސީރިއާ އަށް އަރާ އަސަދު އަވަހާރަކޮށްލަން ކަމަށެވެ.

ވުޑްވާޑުގެ ފޮތުގައި ބުނެފައިވާ ގޮތުގައި އަސަދު އަވަހާރަކޮށްލަން ޓްރަމްޕް ބޭނުންވި ނަމަވެސް ޑިފެންސް މިނިސްޓަރު ޖޭމްސް މަޓިސް ހުންނެވީ އެކަން ކުރައްވާ ގޮތަށް ނޫން ކަމަށެވެ. އަދި އަސަދަށް އެކަނި ހަމަލާ ދިނުމުގެ ބަދަލުގައި ޕެންޓަގަނުން ރޭވީ ސީރިއާގެ އަސްކަރީ އިންފްރާސްޓްރަކްޗާ އަށް ވައިގެ ހަމަލާ ދޭން ކަމަށް ވެސް ބުނެފައިވެ އެވެ.

އެޕްރީލް 7، 2017 ގައި އެމެރިކާ ސިފައިން ސީރިއާ އަށް ދިން ވައިގެ ހަމަލާތަކަށް ފަހު ޓްރަމްޕް ވަނީ އެމެރިކާ ސިފައިންނަށް ތައުރީފް ކުރައްވައިފަ އެވެ.

ޓްރަމްޕް ވަނީ ވުޑްވާޑުގެ ފޮތުގައި ވަނީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އެމެރިކާ ސަފީރު ނިއްކީ ހޭލީ ވިދާޅުވީ އަސަދާ ދެކޮޅަށް އެފަދަ ވާހަކައެއް ޓްރަމްޕް ދެއްކި އަޑު ނާއްސަވާ ކަމަށެވެ.

ވުޑްވާޑުގެ ފޮތުގައި ވަނީ ވައިޓް ހައުސްގެ އެހެން ސްޓާފުންނާއި ޓްރަމްޕާ ދެމެދު ބޮޑެތި މައްސަލަތައް ޖެހުނު ކަމަށް ބުނެފަ އެވެ. މި ގޮތުން ޓްރަމްޕާ އެކު ބާއްވާ ބައްދަލުވުންތަކުގައި ޗީފް އޮފް ސްޓާފް ޖޯން ކެލީ ކޯފާ އިސްވެގެން ހަމައިން ނެއްޓޭ ކަމަށް ބުނެފައިވެ އެވެ.

"ޓްރަމްޕަށް އެއްވެސް އެއްޗެއް ވިސްނައިދޭން އުޅުމަކީ ބޭކާރު ކަމެއް. މިއީ އަހަރެން އަދާ ކުރާ އެންމެ ގޯސް ވަޒީފާ،" ބައެއް ފަރާތްތަކުން ބުނި ކަމަށް ކެލީއާ ހަވާލާދީ ފޮތުގައި ބުނެފައިވެ އެވެ.