ފަލަސްތީނުގެ ހިތްވަރުގަދަ ކުއްޖާ ގައުމުން ބޭރަށް ދިއުން މަނާ

ތެލް އަވީވް (ސެޕްޓެމްބަރު 8) - އިޒްރޭލުގެ ޖަލުގައި ބަންދުކޮށްފައި، އަށް މަސް ދުވަހު ބެހެއްޓުމަށް ފަހު މިދިޔަ ޖުލައި މަހު މިނިވަން ކުރި ފަލަސްތީނުގެ ހިތްވަރުގަދަ ،ޒުވާން އަންހެން ކުއްޖާ އަހަދު ތަމީމީ ގައުމުން ބޭރަށް ދަތުރު ކުރުން އިޒްރޭލުން މަނާކޮށްފި އެވެ.


ތަމީމީގެ ބައްޕަ ބާސިމް ތަމީމީ ބުނީ ޔޫރަޕަށް ދަތުުރުކޮށް އިޒްރޭލުގެ އުދުވާނާ ގުޅޭ ގޮތުން އެކިއެކި ފޯރަމްތަކުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިޒްރޭލުގެ ޖަލުގައި ތަމީމީ ތަޖްރިބާ ކުރި ކަންކަން ކިޔައިދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް އެ އާއިލާ ގައުމުން ބޭރަށް ދަތުރު ނުކުރެވޭނެކަން އިޒްރޭލުން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

އަހަދު ތަމީމީ އާއި އޭނާގެ މަންމަ ނަރިމާން އިޒްރޭލުން މިނިވަން ކުރީ ޖުލައި 29 ވަނަ ދުވަހު އެވެ.

ތަމީމީ، 17، ޖަލަށްލީ އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ޖަހައިގެންނެވެ. ތަމީމާއާ އެކު އޭނާގެ މަންމަ ނަރިމާން ވެސް ޖަލަށްލި އެވެ. އިޒްރޭލުގެ އަސްކަރީ ކޯޓަކުން ތަމީމީ އާއި އޭނާގެ މަންމަ އަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ތަމީމީ ޖަހާ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ޝެއާ ކުރި އެވެ. އިޒްރޭލް ސިފައިންގެ މީހާގެ ގައިގައި ތަމީމީ ޖެހީ، އޭނާގެ ތިމާގެ ކުއްޖަކަށް އިޒްރޭލް ސިފައިން ހަމަލާ ދިނުމުންނެވެ. އޭނާ ހައްޔަރު ކުރީ އެ ހާދިސާ ހިންގިތާ ހަތަރު ދުވަސް ފަހުން ޑިސެމްބަރު 19، 2017 ގަ އެވެ. އޭރު ތަމީމީގެ އުމުރަކީ 16 އަހަރެވެ.