މަޝްވަރާ އަށް އެދި އެމެރިކާ އިން ކޮންމެ ދުވަހަކު ވެސް މެސެޖް ފޮނުވާ: ރޫހާނީ

ތެހެރާން (ސެޕްޓެމްބަރު 9) - މަޝްވަރާ އެދި އެމެރިކާ އިން ކޮންމެ ދުވަހަކު ވެސް މެސެޖް ފޮނުވާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.


"އެއް ފަރާތުން އެމެރިކާ އިން ދަނީ އީރާނަށް ޕްރެޝަރު ކުރަމުން. އަނެއް ފަރާތުން ދަނީ ކޮންމެ ދުވަހަކު ވެސް މަޝްވަރާ އަށް އެދި ހުށަހަޅަމުން،" ގައުމީ ޓީވީ މެދުވެރި ކުރައްވައި ރޫހާނީ ވިދާޅުވި އެވެ. "އެމެރިކާ މީހުން އެކި ވަސީލަތްތައް މެދުވެރިކޮށް ދަނީ އަހަރެމެން ބޭނުން ވަނީ މިތާ މަޝްވަރާ ކުރަން، އެތާ މަޝްވަރާ ކުރަން ކަމަށް ބުނަމުން. އެ މީހުން ދަނީ މައްސަލަތައް ހައްލު ކުރަން ބޭނުންވާ ކަމަށް ބުނަމުން."

އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން މެއި މަހު ވަކިވުމަށް ފަހު އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އީރާނުގެ ތެލުގެ އިންޑަސްޓްރީ އަށް އަމާޒުކޮށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ނޮވެމްބަރު މަހު އަޅާނެ އެވެ.