ޝެޑިއުލަށް ވުރެ އެންމެ ދުވަހެއް ވެސް ކުރިން އިންތިޚާބު ނުބާއްވާނަން: ސިރިސޭނާ

ކޮލަމްބޯ (ސެޕްޓެމްބަރު 10) - ޝެޑިއުލަށް ވުރެ އެންމެ ދުވަހެއް ކުރިން ވެސް ރިޔާސީ އިންތިޚާބު ނުބާއްވާނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ސެންޓްރަލް ކޮމިޓީގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ އަވަސް އިންތިޚާބެއް ބޭއްވުމަށް އިދިކޮޅު ޕާޓީތަކުން ޕްރެޝަރު ކުރަމުންދާ ކަމަށާއި އެކަމަކު އިންތިޚާބު އަވަސް ކުރުމުގެ ބާރު ލިބިފައިވާ ހަމައެކަނި ފަރާތަކީ އެމަނިކުފާން ކަމަށެވެ.

"އަވަސް އަރުވާލައިގެން އިންތިޚާބެއް ބޭއްވުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ނެތް. ޝެޑިއުލަށް ވުރެ އެންމެ ދުވަހެއް ކުރިން ވެސް އިންތިޚާބެއް ނުބާއްވާނަން،" ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނާ ވިދާޅުވީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް އަންޑައެސްޓިމޭޓް ކުރެވިފައިވާ ކަމަށާއި އެއީ އެ ޕާޓީތަކަށް ހެދޭ ގޯހެއް ކަމަށެވެ. އަދި އެއްވެސް ބަޔަކަށް ސްރީ ލަންކާ ފްރީޑަމް ޕާޓީގެ އެހީތެރިކަމާ ނުލައި ސަރުކާރެއް ނުއުފެއްދޭނެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް ރާޖަޕަކްސާ އިސްވެ ހުންނަވާ ކޮލަމްބޯގައި ދާދި ފަހުން ވަނީ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލުމަށް ބޮޑު މުޒާހަރާއެއް ބާއްވައިފަ އެވެ.