މުސްލިމުންނަށް އިހާނެތިކޮށް ހިތާތީ ޗައިނާ އަށް ފިޔަވަޅު އަޅަން ގޮވާލައިފި

ބެއިޖިން (ސެޕްޓެމްބަރު 10) - ޗައިނާގައި ގިނަ އަދަދެއްގެ މުސްލިމުން ހައްޔަރުކޮށް މުސްލިމުންނާ މެދު އިހާނެތިކޮށް ކަންތައް ކުރަމުންދާތީ ޗައިނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.


ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ ޗައިނާ އިން ދަނީ ޒިންޖިއާންގައި މުސްލިމުންނަށް ދަތިތައް ކުރިމަތި ކުރަމުންނެވެ. އދ.ގެ ޕެނަލަކުން ބުނި ގޮތުގައި ޒިންޖިއާންގައި އުއިގާރު އަދި ތުރުކީގެ މުސްލިމުންގެ ތެރޭން މިލިއަނެއްހާ މީހުން ކައުންޓާ-އެކްސްޓްރީމިޒަމް ސެންޓަރުތަކުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ ޒިންޖިއާންގައި މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެން ޗައިނާގެ އޮފިޝަލުންނަށް ޓާގެޓެޑް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ނަމަވެސް ސެންޓަރުތަކުގައި ތިބޭ މީހުންނާ މެދު ގޯސްކޮށް ކަންތައް ކުރާ ވާހަކަތައް ޗައިނާ އިން ދޮގު ކުރެ އެވެ. އެ ގައުމުން ބުނެފައި ވަނީ ކުދި ކުށްތައް ކުރާ މީހުން ސެންޓަރުތަކަށް ގެންދަނީ ތައުލީމާއި ތަމްރީނު ދިނުމަށް ކަމަށެވެ. އދ.ގެ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިޝޭން ކޮމިޓީގައި މިދިޔަ މަހު ވާހަކަ ދައްކަވަމުން ޗައިނާގެ އޮފިޝަލުން ބުނެފައި ވަނީ ޒިންޖިއާންގައި ހަރުކަށި ފިޔަވަޅުތައް އަޅަމުންދަނީ ހައްދުފަހަނަޅައި ދިއުން ހުއްޓުވުމަށް ކަމަށެވެ.