ވޮޝިންޓަނުގައި ހުންނަ ޕީއެލްއޯގެ އޮފީސް ބަންދުކުރަނީ

ވޮޝިންޓަން (ސެޕްޓެމްބަރު 10) - އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުންނަ ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ޑިޕްލޮމެޓިކް އޮފީސް ބަންދު ކުރަން ނިންމައިފި އެވެ.


އެމެރިކާގެ އޮފިޝަލުން ބުނީ ޕީއެލްއޯގެ އޮފީސް ބަންދު ކުރަނީ އިޒްރޭލްއާ އެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ފަލަސްތީނުން ދެކޮޅު ހެދުމުން ކަމަށެވެ.

"އެމެރިކާގައި ހުންނަ ފަލަސްތީނުގެ މިޝަން ބަންދުކުރާކަން އެ ގައުމުގެ އޮފިޝަލުން ވަނީ އަންގާފައި،" ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލް ސާއިބް އުރައިގާތު ވިދާޅުވި އެވެ. "މިއީ ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް އަދަބު ދިނުމަށް އަޅާ އާ ފިޔަވަޅެއް. މީގެ ކުރިން ވަނީ ތައުލީމާއި ސިއްހީ އެހީތައް ކަނޑާލާފައި."

ފަލަސްތީނުގެ އިރުމަތީ ގުދުސްގެ ހޮސްޕިޓަލްތަކަށް އެމެރިކާ އިން ދޭ 25 މިލިއަން ޑޮލަރުގެ އެހީ ކަނޑާލަން ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވަނީ ނިންމަވައިފަ އެވެ.

ފަލަސްތީނާ ދެކޮޅަށް ޓްރަމްޕް އަޅުއްވަމުން ގެންދާ ފިޔަވަޅުތަކުގެ ދަށުން ދާދި ފަހުން ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެމެރިކާ އިން ދޭ ހުރިހާ އެހީއެއް ހުއްޓާލަން އަންގަވައިފަ އެވެ. އަދި ސަޕޯޓް ޕްރޮގްރާމް ފަންޑުގެ ދަށުން ހުޅަނގު އައްސޭރި އާއި ގާޒާ އަށް އެމެރިކާ އިން ދޭ 200 މިލިއަން ޑޮލަރު ވެސް ޓްރަމްޕް ވަނީ ހުއްޓުވައިފަ އެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާ އިން ސްޕޮންސާކޮށްފައިވާ މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތައް ފަލަސްތީނުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.

އެކަމަކު އެމެރިކާ އިން އިޒްރޭލަށް ދޭ އެހީ ދަނީ އިތުރު ކުރަމުންނެވެ. އެމެރިކާ އިން އިޒްރޭލަށް އަސްކަރީ އެހީގެ ގޮތުގައި އަހަރަކު 3.1 ބިލިއަން ޑޮލަރު ދެ އެވެ. އަންނަ އަހަރުން ފެށިގެން އެ އަދަދު ވަނީ 3.8 ބިލިއަން ޑޮލަރަށް ބޮޑު ކޮށްފަ އެވެ.