ރާޖަޕަކްސާގެ ކޮއްކޮ ގައުމުން ބޭރަށް ދިއުން މަނާކޮށްފި

ކޮލަމްބޯ (ސެޕްޓެމްބަރު 11) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސާ ގައުމުން ބޭރަށް ވަޑައިގަތުން ސްޕެޝަލް ހައި ކޯޓުން އިއްޔެ މަނާކޮށްފި އެވެ.


ސަރުކާރު ފައިސާ ޚަރަދުކޮށްގެން މައިންބަފައިންނަށް ހަނދާނީ ބިނާއެއް ހެދި މައްސަލާގައި ގޮތަބަޔާގެ މައްޗަށް އިއްޔެ ވަނީ ދައުވާ ކޮށްފަ އެވެ. ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އުފެއްދި ސްޕެޝަލް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ސަރުކާރުގެ ފައިސާ އިން ގޮތަބަޔާ 250،000 ޑޮލަރު ބޭނުން ކުރައްވާފައިވާ ކަމަށް ބުނެފަ އެވެ.

ގޮތަބަޔާގެ އިތުރުން އިތުރު ހަ މީހެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ. އެ އެންމެން ވެސް ވަނި ދައުވާ އަށް އިންކާރު ކޮށްފަ އެވެ. މައްސަލަ އިތުރަށް ދިރާސާ ކުރަން ބޭނުންވާ ކަމަށް ދިފާއީ ވަކީލުން ކޯޓުގައި ބުނުމުން ޝަރީއަތުގެ އަޑުއެހުންތައް ވަނީ އަންނަ މަހު 9 އާ ހަމައަށް ފަސްކޮށްފަ އެވެ.

ގޮތަބަޔާގެ އެހެން މައްސަލަތަކެއް ވެސް ދަނީ ތަފާތު ކޯޓުތަކުން ބަލަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަތިޔާރުތައް އަމިއްލަ ކުންފުންޏަކަށް ޓްރާންސްފާ ކުރި މައްސަލައެއް ހިމެނެ އެވެ. އެކަމުގެ ސަބަބުން ސަރުކާރަށް 11.4 ބިލިއަން ރުޕީސް (76 މިލިއަން ޑޮލަރު) ގެ ގެއްލުން ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ގޮތަބަޔާ އެކަން ކުރައްވާފައި ވަނީ އޭނާ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ.

ކުރީގެ ސަރުކާރުގެ މައްސަލަތައް އަވަސް ކުރަން ސްޕެޝަލް ހައި ކޯޓު އުފެއްދީ މެއި މަހު އެވެ. އެ ކޯޓުން މިދިޔަ މަހު ވަނީ ރާޖަޕަކްސާގެ ޗީފް އޮފް ސްޓާފް ލަލިތު ވީރަތުންގާގެ މައްޗަށް ހަތަރު މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން، ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.