ޓޫރިސްޓުންނަށް ވީއޭޓީ ރިފަންޑް ދޭން ލަންކާ އެއާޕޯޓުގައި ކައުންޓަރެއް ހުޅުވަނީ

ކޮލަމްބޯ (ސެޕްޓެމްބަރު 11) - ޓޫރިސްޓުން ލަންކާގައި ވިޔަފާރި ކުރާ އިރު ނަގާ 15 ޕަސެންޓުގެ ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ)، އެ މީހުން ފުރާ އިރު ރިފަންޑްކޮށްދެން ލަންކާ އެއާޕޯޓުގައި ކައުންޓަރެއް މިއަދު ހުޅުވާނެ އެވެ.


ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ވީއޭޓީ ރިފަންޑް ކައުންޓަރެއް މިއަދު ހުޅުއްވައި ދެއްވާނީ ފިނޭންސް އެންޑް މާސް މީޑިއާ މިނިސްޓަރު މަންގަލަ ސަމަރަވީރާ އެވެ. ބޭނުމަކީ ގިނަ ޓޫރިސްޓުން ލަންކާ އަށް ޝައުގުވެރި ކުރުވުމާއި އޭޝިއާގެ ވިޔަފާރީގެ ހަބަކަށް ލަންކާ ހެދުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. ލަންކާގެ ބަޖެޓުގައި މި އަހަރު ހިމަނާފައިވާ ވީއޭޓީ ރިފަންޑް ޕްރޮގްރާމް ހިންގާނީ ޑިޕާޓްމަންޓް އޮފް އިންލޭންޑް ރެވެނިއު (އައިއާރުޑީ) އިންނެވެ. މި ޕްރޮގްރާމުގެ ދަށުން ވިޔަފާރި ކުންފުނިތަކުން ވީއޭޓީ ރިފަންޑަށް އައިއާރުޑީގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ވީއޭޓީ ރިފަންޑް ޕްރޮގްރާމް މިއަދު ފަށާ އިރު 18 ފިހާރައަކުން އެ ޕްރޮގްރާމުގައި މިހާތަނަށް ބައިވެރިވެފައިވާ ކަމަށެވެ.