ޓްރަމްޕުގެ މައްޗަށް ހިލަރީ ލީޑު ފުޅާކުރައްވަނީ

ވޮޝިންޓަން (އޮގަސްޓް 7) - ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ލީޑު ފުޅާ ކުރައްވަމުން ގެންދަވާ ކަމަށް ވޮޝިންޓަން ޕޯސްޓާއި އޭބީސީ ނިއުސްގެ ސާވޭއަކުން ދައްކައިފި އެވެ.


ހިލަރީ ވަނީ ޓްރަމްޕުގެ މައްޗަށް އަށް ޕޮއިންޓުގެ ލީޑެއް ހޯއްދަވައިފަ އެވެ. މި މަހު 1-4 އަށް ކުރިއަށް ގެންދިޔަ ފޯނު ސާވޭގެ ނަތީޖާ ދެއްކި ގޮތުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރޭން 50 ޕަސެންޓް ހިލަރީ އަށް ވޯޓު ދޭނެ ކަމަށް ބުނި އިރު ޓްރަމްޕަށް ވޯޓު ދޭނެ ކަމަށް ބުނަނީ 42 ޕަސެންޓެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކޮންވެންޝަނަށް ފަހު ހިލަރީ ވަނީ ޓްރަމްޕުގެ މައްޗަށް ތަފާތު ބޮޑު ކުރައްވަން ފައްޓަވައިފަ އެވެ. އޭގެ ބަދަލުގައި ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނަށް ފަހު ޕާޓީގެ ތެރޭގައި ޓްރަމްޕާ މެދު އޮތް ޚިޔާލު ތަފާތުވުން ބޮޑުވެ ބައެއް ފަރާތްތަކުން ވަނީ ޓްރަމްޕަށް ވޯޓު ނުދޭނެ ކަމަށް ފާޅުގައި ބުނެފަ އެވެ.

ޕޯސްޓާއި އޭބީސީ ނިއުސްގެ ސާވޭ އިން ދެއްކި ގޮތުގައި ކޮންވެންޝަނުގެ ކުރިން ޓްރަމްޕުގެ މައްޗަށް ހިލަރީ އަށް ލިބިވަޑައިގެންފައި ވަނީ ހަތަރު ޕޮއިންޓުގެ ލީޑެކެވެ.

ޓްރަމްޕުގެ ލީޑު ދަށަށް ދިއުމުގައި އޭނާ އަމިއްލަ އަށް ވެސް ވަނީ ބައެއް ގޯސްތައް ހައްދަވައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރަކަށް ހިލަރީ ހުންނެވި ދުވަސްވަރު އެކަމަނާގެ އަމިއްލަ ސާވާ މެދުވެރިކުރައްވާ ބޭނުން ކުރެއްވި އީމެއިލްތައް ބޭޒާރު ކުރުމަށް ރަޝިޔާ އަށް ގޮވާލެއްވުމާއި އިރާގު ހަނގުރާމައިގައި މަރުވި އެމެރިކާ މުސްލިމް ސިފައިންގެ މީހެއްގެ ބައްޕަ ޑިމޮކްރެޓިކް ކޮންވެންޝަނުގައި ދެއްކި ވާހަކައާ ގުޅިގެން އެ އާއިލާއާ ޓްރަމްޕް ދިމާކޮށްލުން ހިމެނެ އެވެ.

ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ކޮންމެ 10 މީހެއްގެ ތެރޭން 6 މީހުން ބުނެފައި ވަނީ ހިލަރީ އަދި ޓްރަމްޕްއާ މެދު ވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ