ތައިލެންޑުގެ ހޮހަޅަ ހާދިސާ އަށް ފިލްމެއް ހަދަނީ

ބެންކޮކް (ސެޕްޓެމްބަރު 12) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި 12 ކުދިންނާއި ފުޓުބޯޅަ ކޯޗު ތާށިވި ހާދިސާގެ މައްޗަށް އެ ގައުމުގެ ކުންފުންޏަކުން ފިލްމެއް ހަދަން ނިންމައިފި އެވެ.


މީގެ ދެ މަސް ކުރިން، އުނދަގޫ އޮޕަރޭޝަނަކަށް ފަހު ތައިލެންޑުގެ ހޮހަޅައިން ކުދިން ސަލާމަތް ކުރި ފަހުން އެ ހާދިސާގެ މައްޗަށް ފޮތް ލިޔެ ފިލްމު ހެދުމަށް އެތައް ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަށް އެންމެ ފަހުން އިސް ނަގާފައި ވަނީ ބެންކޮކުގެ ފިލްމު ކުންފުންޏެއް ކަމަށްވާ ޑި ވޮރޭން ޕިކްޗާސް އިންނެވެ. "ދަ ކޭވް" ގެ ނަމުގައި އުފައްދާ ފިލްމުގެ ޝޫޓިން ނޮވެމްބަރު މަހު ފަށާނެ ކަމަށްވެ އެވެ.

"އެ ޕްރޮޖެކްޓުގެ ހުރިހާ ތައްޔާރީތަކެއް ވަނީ މިހާރު ގާތްގަނޑަކަށް ނިމިފައި،" ފިލްމު ޕްރޮޑިއުސާ ކެޓްރީނާ ގްރޯސް ބުންޏެވެ.

ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު ޖޫން 23 ވަނަ ދުވަހު ހޮހަޅަ އަށް ކުދިން ވަން ފަހުން އެ ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ އެ ކުދިން ސަލާމަތް ވެވޭނެ ގޮތެއް ނެތި އުޅެނިކޮށް އެ ކުދިން ހޯދާފައި ވަނީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ. އޭގެ ފަހުން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު އޮޕަރޭޝަނެއްގައި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރީ ބައިނަލްއަގުވާމީ ޑައިވަރުންގެ ޓީމަކުންނެވެ. ހޮހަޅައިގެ ފެންފަނޑުގެ ތެރޭން ކުދިން ނެރުނީ ހޭނައްތައިގެންނެވެ.