އެމެރިކާގެ އިންޒާރަށް ޖެހިލުމެއް ނުވޭ: އައިސީސީ

ދަ ހޭގު (ސެޕްޓެމްބަރު 12) - ވަކީލުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދިން ނަމަވެސް ޖެހިލުމެއް ނެތި ކޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ބުނެފި އެވެ.


އައިސީސީއާ ދެކޮޅަށް ފިޔަވަަޅު އަޅާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ދެއްވި އިންޒާރަށް ރައްދުދީ އައިސީސީ އިން ބުނީ އެއީ މިނިވަން، އިންސާފުވެރި ތަނެއް ކަމަށާއި ކޯޓުގެ އިޚްތިސާސްއާ އެއްގޮތަށް ފަސް ޖެހުމެއް ނެތި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމެރިކާ އިން ބަލަން ނުކެރުނު ކުށްތައް އެ ކޯޓުން ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.

އައިސީސީއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފައި ވަނީ އަފްޣާނިސްތާނުގެ ގައިދީންނާ މެދު އެމެރިކާ ސިފައިން ހިންގި ޖަރީމާތައް ބަލަން އެ ކޯޓުން އުޅެން ފެށުމުންނެވެ.

އައިސީސީއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ކަމަށް ބޯލްޓަން ވިދާޅުވީ އެ ކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުން އެމެރިކާ އަށް ވަނުން މަނާކުރުމާއި އެމެރިކާގައި ހުރި އެ މީހުންގެ މުދާ ހިފެހެއްޓުމެވެ.

އެމެރިކާ އަކީ 2002 ވަނަ އަހަރު އުފެއްދި ކޯޓުގައި ބައިވެރިނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އައިސީސީން ބަލަނީ ގައުމީ ކޯޓުތަކުން ނުބަލައި ދޫކޮށްލައި ޖިނާއީ ބޮޑެތި މައްސަލަތަކެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ޖިނާއީ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިމެނެ އެވެ.