ސިރިސޭނާގެ ހިތްޕުޅު ހަމަނުޖެހުމާ އެކު ސްރީލަންކަން އިން ކެޝޫ ނަޓް ދިނުން ހުއްޓާލައިފި

ކޮލަމްބޯ (ސެޕްޓެމްބަރު 12) - ސްރީ ލަންކަން އެއާލައިންސް އިން ދިން ކެޝޫ ނަޓަކީ ޖަނަވާރުން ކާން ވެސް އެކަށީގެންވާ އެއްޗެއް ނޫން ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވުމާ ގުޅިގެން އެ އެއާލައިނުން ޕަސިންޖަރުންނަށް ނަޓް ދިނުން ހުއްޓާލައިފި އެވެ.


ސްރީ ލަންކާގެ ދެކުނުގައި ދަނޑުވެރިންތަކަކާ އެކު ބޭއްވި އިވެންޓެއްގައި ސިރިސޭނާ ވިދާޅުވީ ކަތުމަންޑޫން ކޮލަމްބޯ އަށް ދާދި ފަހުން ކުރެއްވި ދަތުރެއްގައި އެމަނިކުފާނަށް ފަރިއްކޮޅަށް އެރުވި ކެޝޫ ނަޓަކީ އިންސާނުން ކާން އެކަށީގެން ނުވާ އެއްޗެއްގެ އިތުރުން އެއީ ކުއްތާ އަށް ކާން ދޭން ވެސް ކަމުނުދާނެ އެއްޗެއް ކަމަށެވެ.

"މި ކެޝޫ ނަޓް ބޭނުން ކުރަން ހުއްދަ ދިނީ ކާކުތޯ ބަލަން އަޅުގަނޑު ބޭނުންވޭ؟ ކާކު މިކަމާ ޒިންމާ ވާނީ؟" ސިރިސޭނާ ސުވާލު ކުރެއްވި އެވެ.

ސްރީ ލަންކަންގެ ތަރުޖަމާނަކު ވިދާޅުވީ ރައީސްގެ ހިތްޕުޅު ހަމަނުޖެހުމާ ގުޅިގެން އެއާލައިނުން ޕަސިންޖަރުންނަށް ކެޝޫ ނަޓް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެއީ ހަމައެކަނި ބިޒްނަސް ކްލާސް ޕަސިންޖަރުންނަށް ދޭ ނަޓް ކަމަށް ވިދާޅުވި އެވެ. ޕަސިންޖަރުންނަށް އަލުން ނަޓް ސާވްކޮށްދޭން ފަށާނީ ދުބާއީގެ ސަޕްލަޔާ ބަދަލުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ކޮރަޕްޝަން ބޮޑުވެ އެ މައްސަލަތައް މިހާރު ދަނީ ރިޔާސީ ކޮމިޝަނަކުން ބަލަމުންނެވެ. ސްރީ ލަންކަން އެއާލައިންސްގެ ދަރަނި އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. އެއާލައިން ޕްރައިވެޓައިޒް ކުރަން ކުރި މަސައްކަތް ވެސް ކާމިޔާބުވެފައެއް ނުވެ އެވެ.