ވިހަ ދިން ކަމަށް ތުހުމަތުކުރި މީހުން ބުނަނީ އެއީ ޓޫރިސްޓުން ކަމަށް

މޮސްކޯ (ސެޕްޓެމްބަރު 13) - ރަޝިޔާގެ ކުރީގެ ޖާސޫސީ އެޖެންޓަކަށް އިނގިރޭސި ވިލާތުގައި ވިހަ ދިން ކަމަށް ތުހުމަތު ކުރި ރަޝިޔާގެ ދެ މީހުންނަކީ ޓޫރިސްޓުން ކަމަށް އެ ދެ މީހުން ބުނެފި އެވެ.


ރަޝިޔާގެ ކުރީގެ އެޖެންޓް ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާ އަށް ސަލިސްބަރީގައި މިދިޔަ މާޗް މަހު ވިހަ ދިން ކަމަށް އިނގިރޭސި ވިލާތުން ބުނެފައި ވަނީ ރަޝިޔާގެ ދެ މީހުން ކަމަށްވާ އެލެގްޒެންޑާ ޕެޓްރޯފް އާއި ރަސްލާން ބޮޝިރޯ ނަމަކަށް ކިޔާ ދެ މީހުން ކަމަށެވެ. އެ ދެ މީހުން އާރްޓީ ޗެނަލް އަށް ބުނީ އެ މީހުން ސަލިސްބަރީ އަށް ދިޔައީ ތަންތަން ބަލާލަން ކަމަށާއި ގަޑިއެއްހާ އިރު ތެރޭ އެނބުރި ލަންޑަނަށް ދިޔަ ކަމަށެވެ.

ޕެޓްރޯފް އާއި ބޮޝިރޯގެ މައްޗަށް އިނގިރޭސި ވިލާތުން ތުހުމަތުކޮށްފައި ވަނީ ސްކްރިޕަލް މަރާލަން އުޅުނު ކަމަށެވެ. އަދި އެއީ ރަޝިޔާގެ އަސްކަރީ ދެ އެޖެންޓުން ކަމަށް ވެސް އިނގިރޭސި ވިލާތުން ތުހުމަތުކޮށްފައިވެ އެވެ.

އިނގިރޭސި ވިލާތުގެ ކްރައުން ޕްރޮސެކިއުޝަން ސާވިސް އިން ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެ ދެ މީހުން މޮސްކޯ އިން ލަންޑަނަށް ދަތުރު ކުރީ މާޗް 2 ވަނަ ދުވަހު ރަޝިޔާގެ ޕާސްޕޯޓުގައި ކަމަށާއި އޭގެ ދެ ދުވަސް ފަހުން ސަލިސްބަރީ އަށް ގޮސް ނުރައްކާތެރި ވިހައިގެ މާއްދާއެއް ކަމަށްވާ ނޮވިޗޮކް ވަނީ ސްކްރިޕަލްގެ ގޭގެ ދޮރަށް ސްޕްރޭ ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ދުވަހު އެ ދެ މީހުން އެނބުރި ރަޝިޔާ އަށް ފުރާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.