ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޚައިރާތަށް ދެ ބިލިއަން ޑޮލަރު

ވޮޝިންޓަން (ސެޕްޓެމްބަރު 14) - ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އެމެޒަންގެ ވެރިޔާ، ޖެފް ބެޒޯސް ޚައިރާތުގެ ގޮތުގައި ދެ ބިލިއަން ޑޮލަރު ހޭދަކުރައްވަން ނިންމަވައިފި އެވެ.


މިލްކިއްޔާތުގައި 164 ބިލިއަން ޑޮލަރު ހުރި ބެޒޯސް ވަނީ "ޑޭ ވަން ފަންޑް"ގެ ނަމުގައި އޭނާ އުފައްދާ ޗެރިޓީ މެދުވެރިކޮށް ގެދޮރު ނެތް މީހުންނަށް އެހީވެ އެތައް ބައިވަރު ސްކޫލްތަކެއް އަޅައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ބެޒޯސްގެ ޗެރިޓީ މަސައްކަތް އިއުލާން ކުރައްވާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ ގޮތުގައި ހުންނަވާ އިރު ވެސް ޗެރިޓީ އަށް ހޭދަކުރައްވާ އަދަދު މަދުވުމުން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ބެޒޯސް މިދިޔަ އަހަރު ވަނީ ޗެރިޓީގެ ގޮތުގައި އޭނާ ކުރައްވާނެ ކަމެއް ހުށަހެޅުމަށް ޓްވިޓާ މެދުވެރިކޮށް އެދިވަޑައިގެންފަ އެވެ.

ބެޒޯސް، 1994 ވަނަ އަހަރު އުފެއްދި އެމެޒަން މި މަހު ވަނީ މާކެޓް އަގު ޓްރިލިއަން ޑޮލަރަށް އެރި ދެ ވަނަ ކުންފުނީގެ މަގާމު ހޯދައިފަ އެވެ. އެއް ވަނަ ކުންފުންޏަކީ އެޕަލް އެވެ.

މައިކްރޯސޮފްޓްގެ ބިލް ގޭޓްސް އާއި ފޭސްބުކުގެ މާކް ޒުކަބާގް ގެންދަވަނީ ޗެރިޓީ އަށް ބިލިއަން ޑޮލަރުން ހޭދަކުރައްވަމުންނެވެ. ބިލް ގޭޓްސް އާއި ބިލިއަނާ ވޮރެން ބުފޭ ފަދަ ބޭފުޅުން ގެންދަވަނީ މަހުޖަނުންގެ މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައި ޚައިރާތުގެ ގޮތުގައި ހޭދަކުރެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.