އެމެރިކާ އަށް ބާރުގަދަ ތޫފާނެއް އަރައިފި

ކެރޮލީނާ (ސެޕްޓެމްބަރު 14) - ބާރުގަދަ ތޫފާން ފްލޮރެންސް އެމެރިކާގެ އީސްޓް ކޯސްޓަށް އަރައިފި އެވެ.


ނޯތު ކޮރޮލީނާ އަށް މިއަދު ތޫފާން އެރި އިރު ވައި ޖެހެމުން ދަނީ ގަޑިއަކު 150 ކިލޯ މީޓަރު (90 މޭލު) ގެ ބޭރު މިނުގަ އެވެ. ތޫފާނުގެ ގަދަ ވިއްސާރަ އާއި ބޮޑު ރާޅު އެރުމުގެ ސަބަބުން މިހާރު ވަނީ އައްސޭރީގެ ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. ނިއު ބާން ސިޓީން މިހާރު ވެސް ވަނީ އެތައް ބަޔަކު ސަލާމަތް ކުރަން ޖެހިފަ އެވެ. ތޫފާން އަރާތީ ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ރައްކާތެރިވެ ތިބުމުގެ އިންޒާރު ދީފަ އެވެ.

ނޯތު ކެރޮލީނާ އިން އެތައް ލައްކަ ގެއަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ސްޓޭޓުގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ވަނީ ބުނެފަ އެވެ. ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެފައި ވަނީ ތޫފާންގެ ވައިގެ ސްޕީޑް ތަންކޮޅެއް ދަށްވެފައިވާ ކަމަށެވެ.

އަނެއްކޮޅުން ބާރުގަދަ ތޫފާނެއް ދަނީ ފިލިޕީންސަށް ވެސް އަރަން ތައްޔާރުވަމުންނެވެ. ފިލިޕީންސް އަރާ ސުޕަ ތޫފާންގެ އަސަރު ފަސް މިލިއަން މީހުންނަށް ކުރާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.