ޔަންގޮން (ސެޕްޓެމްބަރު 16) - މިއަންމާގެ ޖަލެއް ފަޅާލުމަށް ފަހު ފިލައިގެން ދިޔަ ގައިދީންތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ޖަލު ފަޅާލާފައި ވަނީ ޑެލިވަރީ ޓްރަކެއް ހައިޖެކް ކުރުމަށް ފަހު ޖަލުގެ ގޮޅިތަކުގެ ގޭޓުގައި ޖައްސާ ޖަލު ފަޅާލައިގެންނެވެ. އެއީ ޖަލުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަން ވެއްޔާއި ހިލަ ހިފައިގެން ދިޔަ ޓްރަކެކެވެ. ފުލުހުން ބުނީ ޖަލުގެ އޮފިސަރުންނަށް ހަމަލާ ދިނުމަށް ފަހު ގައިދީން ވަނީ ޓްރަކް ހައިޖެކްކޮށްފައި ކަމަށެވެ.
ސްޓޭޓުގެ ފުލުހުން ބުނީ ޖަލު ފަޅާލައިގެން 41 ގައިދީއަކު ފިލާފައިވާ ކަމަށެވެ. މީގެ ތެރޭން ތިން މީހަކު ވަނީ އަތުލައިގެންފަ އެވެ. ބާކީ ތިބި މީހުން ހޯދަން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށައިފަ އެވެ.