ޕައިލެޓާއި ކްރޫއަކާ މައްސަލަ ޖެހި ބޯޓު ޑިލޭވެއްޖެ

ލާހޯރު (ސެޕްޓެމްބަރު 16) - ޕާކިސްތާނުގެ ލާހޯރުން ލަންޑަނަށް އިއްޔެ ފުރަން ހަމަޖެހިފައިވާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ މަތިންދާ ބޯޓުގެ ޕައިލެޓާއި ކްރޫއަކާ ދެމެދު މައްސަލަ ޖެހި އެންމެ ފަހުން ބޯޓު ފުރުން އެތައް ގަޑިއިރަކަށް ލަސްކުރަން ޖެހިއްޖެ އެވެ.


ބައެއް ފަރާތްތަކުން ބުނި ގޮތުގައި ފްލައިޓް ޕީކޭ-757 އިއްޔެ ހެނދުނު 9 ޖެހި އިރު ލަންޑަން ފުރަން ހަމަޖެހިފައި ވަނިކޮށް ކުއްލިއަކަށް ޕައިލެޓް އަންވަރު ޗައުދަރީ ވަނީ ބޯޓުގެ ކްރޫއެއް ކަމަށްވާ އަވައިސް ގުރޭޝީ ބޯޓުން ބޭލުމަށް އެހެން ކްރޫންނަށް އަންގައިފަ އެވެ. ޕައިލެޓް ބުނި ގޮތުގައި ބޯޓުން ބާލަން އެންގި ކްރޫއަކީ ސްމަގްލް ކުރާ މީހެކެވެ.

މި މައްސަލާގައި ދެ މީހުންގެ މެދުގައި ބޮޑު ޒުވާބެއްކޮށް ގަޔަށް އަތްލާ ހިސާބަށް ކަންތައް ދިޔަ ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ. އެ ހަމަނުޖެހުންގަނޑާ ގުޅިގެން ބޯޓު ޑިލޭ ކުރަން ޖެހުމުން ޕަސިންޖަރުންގެ ޝަކުވާ ވެސް ބޮޑުވެ އެންމެ ފަހުން ޕަސިންޖަރުން ވަނީ ޕީއައިއޭގެ މެނޭޖްމަންޓަށް ފާޑު ކިޔައިފަ އެވެ.

މައްސަލަ ހައްލު ކުރުމަށް ފަހު ބޯޓު ލަންޑަނަށް ފުރޭވަރުވީ ރޭ ދަންވަރު އެވެ. ޕީއައިއޭގެ ތަރުޖަމާނަކު ވަނީ އެފަދަ ހާދިސާއެއް ހިނގިކަން ޔަގީންކޮށްދީފަ އެވެ. އަދި އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.