ފަލަސްތީނަށް ދޭ އިތުރު އެހީތައް އެމެރިކާ އިން ކަނޑާލައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 17) - ފަލަސްތީނަށް އެހީވާން އެމެރިކާ އިން ހިންގާ ޕްރޮގްރާމްތަކުން އިތުރު އެހީތައް އަނެއްކާވެސް ކަނޑާލައިފި އެވެ.


ފަލަސްތީނަށް ދޭ އެހީން އެމެރިކާ އިން ކަނޑާލި އަދަދު މިހާރު 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. އެންމެ ފަހުން ކަނޑާލާފައި ވަނީ އިޒްރޭލާއި ފަލަސްތީން މީހުންގެ މެދުގައި އުފެދިފައިވާ ދެ ބަސްވުންތައް ހައްލު ކުރަން ހިންގާ ޕްރޮގްރާމަށް ދޭ 10 މިލިއަން ޑޮލަރެވެ.

ހުޅަނގު އައްސޭރި އާއި ގާޒާ އަށް އެމެރިކާ އިން ދޭ އެހީން 200 މިލިއަން ޑޮލަރު ހުއްޓާލިކަން ސްޓޭޓް ޑިޕާޓްމަންޓުން އޮގަސްޓް މަހު ވަނީ އިއުލާންކޮށްފަ އެވެ. ވޮޝިންޓަނުގައި ހުންނަ ޕީއެލްއޯގެ މިޝަން ބަންދުކުރަން ވެސް އެމެރިކާ އިން މިހާރު ވަނީ ނިންމައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ފަލަސްތީނަށް ދޭ އެހީ ކަނޑާލަނީ އިޒްރޭލާއާ އެކު ސުލްހައިގެ މޭޒުގެ ދޮށަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ޓްރަމްޕް ޑިސެމްބަރު މަހު އިއުލާން ކުރުމާ އެކު ފަލަސްތީނުން ވަނީ އެމެރިކާ އިން އިސްނަގައިގެން ކުރިއަށް ގެންދާ ސުލްހައިގެ އެއްވެސް މަސައްކަތެއްގައި ބައިވެރިނުވާން ނިންމައިފަ އެވެ.