ފަލަސްތީން ސަފީރުގެ އާއިލާގެ ވިސާ އެމެރިކާ އިން ކެންސަލްކޮށްފި

ވޮޝިންޓަން (ސެޕްޓެމްބަރު 17) - ވޮޝިންޓަނުގައި ހުންނަ ޕީއެލްއޯގެ ސަފީރުގެ އާއިލާގެ މެންބަރުންގެ ވިސާ އެމެރިކާ އިން ކެންސަލްކޮށްފި އެވެ.


ސަފީރު ހުސާމް ޒަމްލަތު ވިދާޅުވީ އޭނާގެ ކުޑަ ދެ ދަރިންނާ އެކު އާއިލާގެ މެންބަރުންގެ ވިސާ ކެންސަލްކޮށްފައިވާ ކަމަށް އެމެރިކާ އިން އެންގުމުން އެ މީހުން މިހާރު ފަލަސްތީނަށް ގޮސްފައިވާ ކަމަށެވެ. އެކަމަކު އެ މީހުންގެ ވިސާ ހަމަވާން އޮތީ 2020 ވަނަ އަހަރު ކަމަށް ސަފީރު ވިދާޅުވި އެވެ.

އެމެރިކާ އިން މި ފިޔަވަޅު އެޅީ ވޮޝިންޓަނުގައި ހުންނަ ޕީއެލްއޯގެ އޮފީސް ބަންދު ކުރަން ނިންމުމަށް ފަހު އެވެ.

ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހަނާން އަޝްރާވީ ވަނީ ސަފީރުގެ އާއިލާގެ މެންބަރުންގެ ވިސާ ކެންސަލް ކުރުން ކުށްވެރި ކުރައްވައިފަ އެވެ.

ސަފީރު ވިދާޅުވީ ޕީއެލްއޯގެ އޮފީސް ބަންދުކުރުމާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުންނާ އޭނާގެ އެމްބަސީގެ ދެ ސްޓާފަކު ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ސްޓޭޓް ޑިޕާޓްމަންޓުން އަންގާފައި ވަނީ ޕީއެލްއޯގެ އޮފީސް ބަންދު ކުރުމަށް ފަހު ފަލަސްތީނުގެ މިޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވިސާ ސައްހަ ނުވާނެ ކަމަށާއި އެ މީހުންގެ އިމިގްރޭޝަން ސްޓޭޓަސް ބަދަލުވާނެ ކަމަށެވެ.

ފަލަސްތީނުން ބުނެފައި ވަނީ މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ފަލަސްތީނަށް ބިރުދައްކަން ކުރާ ކަންތައް ކަމަށެވެ.