ޑިޕްލޮމެޓުންނަށް ސިރިސޭނާ: ފޯނު ނަގާ، ނޫނީ ވަޒީފާ ދޫކޮށްލާ

ކޮލަމްބޯ (ސެޕްޓެމްބަރު 18) - ސަފީރަކާ އެކު ހަ ޑިޕްލޮމެޓުން ވަޒީފާ އިން ވަކިކުރި މައްސަލަ ދިފާއު ކުރައްވާ ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވާހަކަ ދައްކަވައިފި އެވެ.


އެ އެންމެން ވެސް ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިރިސޭނާގެ ފޯން ކޯލަކަށް ޖަވާބު ނުދެއްވުމުންނެވެ. ސިރިސޭނާ ވިދާޅުވީ ބޭރުގެ މިޝަންތަކުގައި ތިބޭ މީހުން ފޯނަށް ޖަވާބު ނުދޭ ނަމަ ދެން ވެސް ވަޒީފާ އިން ވަކިކުރާނެ ކަމަށެވެ.

ވަޒީފާ އިން ވަކިކޮށްފައި ވަނީ އޮސްޓްރިއާގައި ހުންނަ ލަންކާ ސަފީރާއި ވިއެނާގައި މަސައްކަތް ކުރާ ފަސް ސްޓާފުންނެވެ.

"އެމްބަސީ ސްޓާފުން އަނބުރާ ގެނައުމުން ސޯޝަލް މީޑިއާގައި އަޅުގަނޑަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުން. އެކަން އަޅުގަނޑު ކުރީ އެހެން އެމްބަސީތަކުގައި ތިބި މުވައްޒަފުންނަށް ވެސް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން،" ކޮލަމްބޯގައި ބޭއްވި ޕަބްލިކް ބައްދަލުވުމެއްގައި ސިރިސޭނާ ވިދާޅުވި އެވެ.

ވިއެނާގައި ހުންނަ އެމްބަސީ އަށް ގުޅުއްވީ ކީއްކުރަން ކަމެއް ސިރިސޭނާ ވިދާޅެއް ނުވެ އެވެ. އަދި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީ އަށް ގުޅުއްވަން ސިރިސޭނާ ނޫޅުއްވީ ކީއްވެ ކަމެއް ވެސް ނޭނގެ އެވެ.

ނޭޕާލަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ސްރީ ލަންކަން އެއާލައިންސް އިން އެމަނިކުފާނަށް އެރުވި ކެޝޫ ނަޓާ މެދު ވެސް ވަނީ މިދިޔަ ހަފުތާގައި ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ. ސިރިސޭނާ ވިދާޅުވެފައި ވަނީ އެއީ އިންސާނުން ކާން އެކަށީގެންވާ އެއްޗެއް ނޫން ކަމަށެވެ. ސިރިސޭނާ ކުރެއްވި ޝަކުވާއާ ގުޅިގެން ލަންކާގެ ގައުމީ އެއާލައިނުން މިހާރު ވަނީ ޕަސިންޖަރުންނަށް ކެޝޫ ނަޓް ދިނުން ހުއްޓާލައިފަ އެވެ.