ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާގެ ތަހުގީގު އައިސީސީން ފަށަނީ

ޖެނީވާ (ސެޕްޓެމްބަރު 19) - މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާގެ ތަހުގީގު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ފަށަން ނިންމައިފި އެވެ.


ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން އަނިޔާކޮށް ވަޒަނުން ނެރެލުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ފަހުކޮޅު އެވެ. މި މައްސަލާގައި އދ. އިން ހިންގި ތަހުގީގުގައި މިއަންމާގެ އަސްކަރީ ވެރިންނާ ދެކޮޅަށް މީހުން މެރުމުގެ ތަހުގީގެއް ފެށުމަށް މިދިޔަ މަހު ވަނީ ގޮވާލައިފަ އެވެ. އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބުނެފައި ވަނީ މިއަންމާ ސިފައިން ހިންގާފައި ވަނީ ނަސްލެއް ނައްތާލުމުގެ ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

އައިސީސީގެ ޕްރޮސެކިއުޓާ ފަތޫ ބެންސޫދާ އިއްޔެ ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާގެ ޕްރިމިލިނަރީ ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެ ތަހުގީގަށް ފަހު މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަންމާ އަކީ އައިސީސީގެ މެންބަރެއް ނޫނެވެ. އެކަމަކު އެ ކޯޓުގެ ފަނޑިޔާރުން ވަނީ ރޮހިންޖާ މީހުންނަށް ކުރި އަނިޔާ ބެލޭނެ ކަމަށް ނިންމައިފަ އެވެ. ސަބަބަކީ ބަންގްލަދޭޝް އަކީ އައިސީސީގެ މެންބަރަކަށްވާތީ އެވެ.