ނަޖީބުގެ މައްޗަށް މަނީ ލޯންޑަރިންގެ 21 މައްސަލަ

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 20) - އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އަމިއްލަ އެކައުންޓަށް 681 މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގައި އިއްޔެ ހައްޔަރުކުރި ނަޖީބުގެ މައްޗަށް މަނީ ލޯންޑަރިންގެ 21 ދައުވާއެއް އުފުލައިފި އެވެ.


އޭގެ ތެރޭގައި ހިމެނެނީ ގަވާއިދާ ޚިލާފަށް ފައިސާ ހޯދާފައިވާ ނުވަ މައްސަލައަކާއި ގަވާއިދާ ޚިލާފު ފައިސާ ބޭނުންކޮށްފައިވާ ފަސް މައްސަލައަކާއި ގަވާއިދާ ޚިލާފު ފައިސާ އެހެން އެކައުންޓްތަކަށް ފޮނުވި ހަތް މައްސަލަ އެވެ. ނަޖީބު ވަނީ މިއަދު ކޯޓަށް ހާޒިރުކޮށްފަ އެވެ. ފުލުހުން ބުނީ އެންޓި-ކޮރަޕްޝަން ގާނޫނުގެ ދަށުން އިތުރު ދައުވާތައް ނަޖީބުގެ މައްޗަށް އުފުލަން ޖެހިދާނެ ކަމަށެވެ.

މީގެ ކުރިން ވެސް ނަޖީބު ވަނީ ހައްޔަރުކޮށްގެން ކޯޓަށް ގެންގޮސްފަ އެވެ. އެ ފަހަރު ހައްޔަރު ކުރީ 1އެމްޑީބީގެ ސަބްސިޑަރީއަކުން 10 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހު ކަމަށްވާތީ ނަޖީބު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ނަމަވެސް ގައުމުން ބޭރަށް ނުދެވޭ ގޮތަށެވެ.

ނަޖީބުގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލަ 2015 ވަނަ އަހަރު ފަޅާއެރުމުން ނަޖީބުގެ ވެރިކަމުގައި ވަނީ އެކަން ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.

ނަޖީބުގެ ވެރިކަން ވެއްޓުނު ފަހުން އޭނާއާ ގުޅުން ހުރި ތަންތަނުން މެލޭޝިއާ ފުލުހުން ވަނީ 273 މިލިއަން ޑޮލަރުގެ ތަކެތި ހޯދައިފަ އެވެ. މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ ސަބަބަކީ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.