އުއްތަރަކަންޑް (ސެޕްޓެމްބަރު 20) - އިންޑިއާގެ އުތުރުގެ ސަރަހައްދެއްގައި 15 އަހަރުގެ ދަރިވަރު ރޭޕްކުރުމާ ގުޅިގެން ހައްޔަރު ކުރި ނުވަ މީހުންގެ ތެރޭގައި ބޯޑިން ސްކޫލްގެ ޕްރިންސިޕަލާއި އެ ސްކޫލްގެ ފަސް ސްޓާފުން ހިމެނޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ އެ ސްކޫލްގެ ހަތަރު ދަރިވަރުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ސްކޫލްގެ ޕްރިންސިޕަލާއި ސްޓާފުން ހައްޔަރު ކުރީ އެ ރޭޕް ފޮރުވަން މަސައްކަތް ކޮށްފައިވާތީ އެވެ.
ދަހްރާދުން ސްކޫލްގެ ސްޓާފުން ހައްޔަރުކުރީ އަންހެން ކުއްޖާ އެބޯޝަން ހަދަން މަޖްބޫރުކޮށްފައިވާތީ އެވެ. ފުލުހުން ބުނީ ކުއްޖާ ރޭޕްކޮށްފައިވާކަން އިއްޔެ ހެދި މެޑިކަލް އެގްޒަމިނޭޝަންތަކުން އެނގޭ ކަމަށެވެ.
"ހެކި ފޮރުވަން މަސައްކަތް ކޮށްފައިވާތީ ސްކޫލްގެ ސްޓާފުންނާ ދެކޮޅަށް މައްސަލަ ވަނީ ރަޖިސްޓްރީކޮށްފައި،" ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.
ފުލުހުން ބުނީ އަންހެން ކުއްޖާ ބަލިވެއިންކަން ދަހްރަދުންގެ ޖީއާރުޑީ ވޯލްޑް ސްކޫލްގެ މެނޭޖްމަންޓަށް އެނގޭ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އަންހެން ކުއްޖާގެ ރޭޕުގެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ ސްޓޭޓުގެ ޗައިލްޑް ވެލްފެއާ ކޮމިޓީ އިންނެވެ.