ފްރާންސްގެ އެންމެ މަތީ ގައުމީ ޝަރަފް ޗަންދުރިކާ އަށް

ކޮލަމްބޯ (ސެޕްޓެމްބަރު 21) - ފްރާންސް ސަރުކާރުންދޭ އެންމެ މަތީ ގައުމީ ޝަރަފް ކަމަށްވާ ލީޖެން ޑި އޮނާ ސްރީ ލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާ އަށް އަރުވައިފި އެވެ.


ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮންގެ ފަރާތުން އެ ޝަރަފް ޗަންދުރިކާއާ ހަވާލުކޮށްދެއްވީ ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަ ފްރާންސްގެ ސަފީރު ޖީން-މަރިން ޝުހް އެވެ.

ޗަންދުރިކާ ވަނީ ސްރީ ލަންކާގެ ހަތަރު ވަނަ އެގްޒެކެޓިވް ރައީސްގެ ގޮތުގައި 1994 އިން 2005 އަށް ވެރިކަން ކުރައްވައިފަ އެވެ. އޭގެ ކުރިން އެކަމަނާ ވަނީ ވެސްޓަން ޕްރޮވިންސްގެ ޗީފް މިނިސްޓަރުކަމާއި ސްރީ ލަންކާގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ.

ޗަންދުރިކާ ވަނީ ޕެރިހުގެ ޕޮލިޓިކަލް ސައެންސް އިންސްޓްޓިއުޓް (ސައެންސް ޕްރޯ) ޔުނިވާސިޓީން ޕޮލިޓިކަލް ސައެންސް އިން ޑިގްރީ ނަންގަވައިފަ އެވެ. އެ ޔުނިވާސިޓީން އެކަމަނާ ކިޔަވާ ވިދާޅުވެފައި ވަނީ 1970-1973 އަށެވެ. އަދި ޔުނިވާސިޓީ އޮފް ޕެރިހުގެ ޕީއެޗްޑީ ޕްރޮގްރާމެއްގައި ޗަންދުރިކާ ވަނީ ބައިވެރިވަޑައިގެންފަ އެވެ.