ޗައިނާގެ އަސްކަރިއްޔާ އަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 21) - ރަޝިޔާ އިން ހަތިޔާރު ގަނެފައިވާތީ ޗައިނާގެ އަސްކަރިއްޔާއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި އެވެ.


އެމެރިކާ އިން ބުނެފައި ވަނީ ޗައިނާ އިން ހަތިޔާރު ގަނެފައި ވަނީ މޮސްކޯއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ކަމަށެވެ. ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އެޅީ އެ ގައުމުގެ ދާޚިލީ ކަންކަމާ ބެހުމާ އަަދި ޔޫކްރޭން މައްސަލާގައި ރަޝިޔާ އިން އަމަލުކޮށްފައިވާ ގޮތުންނެވެ. އެމެރިކާ އާއި ރަޝިޔާގެ ގުޅުން ގޯސްވެފައި ވަނީ ޔޫކްރޭންގެ ކްރައިމިއާ އަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި 2014 ވަނަ އަހަރު ހަމަޖެއްސުމުންނެވެ.

ރަޝިޔާގައި އުފަައްދާފައިވާ އެސް-400 އެންޓި-އެއާކްރާފްޓް މިސައިލް ސިސްޓަމެއް. --ފޮޓޯ:ގެޓީ އިމޭޖަސް

ޗައިނާ އިން ދާދި ފަހުން ވަނީ ރަޝިޔާގެ ސުކޮއި ސޫ-35 މަރުކާގެ ހަނގުރާމަ މަތީ ބޯޓާއި އެސް-400 މިސައިލް ގަނެފަ އެވެ. އެމެރިކާ އާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅީ 2014 ގަ އެވެ. ނަމަވެސް ބެއިޖިން އިން އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

އެމެރިކާ އިން ފިޔަވަޅު އަޅާފައި ވަނީ ޗައިނާގެ އިކުއިޕްމަންޓް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އީޑީޑީ) އާއި އެ ޑިޕާޓްމަންޓުގެ ވެރިޔާ ލި ޝަންގްފޫގެ މައްޗަށެވެ.

ރަޝިޔާގެ ތަރުޖަމާނަކު ވިދާޅުވީ އެމެރިކާ އިން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ޝެޑިއުލާ އެއްގޮތަށް ޗައިނާއާ އެކު ހަތިޔާރުގެ ވިޔަފާރި ކުރިއަށް ގެންދާނެ ކަމަށެވެ.