ދަރިފުޅަށް ޕާސްޕޯޓް ދޭން ސައުދީ ކޯޓަކުން ބައްޕަ އަށް އަންގައިފި

ޖިއްދާ (ސެޕްޓެމްބަރު 21) - އަންހެން ދަރިފުޅަށް ޕާސްޕޯޓް ދޭން ދެކޮޅު ހެދި ބައްޕަ އަށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސައުދީގެ ކޯޓަކުން އަންގައިފި އެވެ.


ޖިއްދާ އަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އަންހެން ކުއްޖާ ގައުމުން ބޭރަށް ކިޔަވާން ދާން އުޅުމުން އެ ކުއްޖާގެ ބައްޕަ ވަނީ ޕާސްޕޯޓް ދޭން ދެކޮޅު ހަދައިފަ އެވެ. ސައުދީގައި އޮންނަ އުސޫލުގެ ދަށުން އަންހެން ކުދިންނަށް ޕާސްޕޯޓް ދޫކުރަނީ ބެލެނިވެރިއާގެ ހުއްދައާ އެކު އެވެ. އަދި ދަތުރު ކުރެވޭނީ ވެސް ކައިވެނި ހެޔޮނުވާ ބެލެނިވެރިއަކާ އެކު އެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ކޯޓުން ވަނީ އަންހެން ކުއްޖާގެ ބައްޕަ އަށް އެ ކުއްޖާ އަށް ޕާސްޕޯޓް ހަވާލު ކުރަން އަންގައިފަ އެވެ. ސައުދީގެ ނޫސްތަކުން ބުނެފައި ވަނީ ޒުވާން އަންހެން ކުއްޖާ ޖިއްދާގައި ދިރިއުޅެމުން ދިޔައީ އޭނާގެ މަންމައާ އެކު ކަމަށެވެ. އަދި އެ އަންހެން ކުއްޖާގެ ބައްޕައާ ބައްދަލު ނުވާތާ ހަ އަހަރުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޯޓުގެ މި ނިންމުމާ އެކު ސައުދީ އަންހެނުންނަށް ފިރިހެނުންގެ ބެލެނިވެރިކަން އޮންނަ މައްސަލައާ މެދު ވަނީ ސޯޝަލް މީޑިއާގައި ބަހުސް ކުރަން ފަށައިފަ އެވެ.

ވިޝަން 2030 ގެ ދަށުން ސައުދީ އަށް ގެންނަ ބަދަލުތަކުގެ ދަށުން ވަލީ އަހުދު މުހައްމަދު ގެންދަވަނީ ސައުދީ އަންހެނުންނަށް ކުރިން ނުލިބޭ ބާރުތައް ދެމުންނެވެ. މި ގޮތުން އަންހެން ކާރު ދުއްވުން ހުއްދަކޮށް، އަންހެނުންނަށް ކުޅިބަލަން ސްޓޭޑިއަމްތަކަށް ދިއުން ވަނީ ހުއްދަ ކޮށްފަ އެވެ.