އިގްތިސާދު ހީނަރުވަނީ ސިރިސޭނާ އާއި ރަނިލްގެ ކޯޅުމުގެ ސަބަބުން: ރާޖަޕަކްސާ

ކޮލަމްބޯ (ސެޕްޓެމްބަރު 23) - ސްރީ ލަންކާގެ އިގްތިސާދު ހީނަރުވެ ފައިސާގެ އަގު ވެއްޓެމުން ދަނީ ސަރުކާރުގެ އެތެރޭގައި ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މެދުގައި ކޯޅުން ބޮޑުވުމުން ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.


"ރައީސް އާއި ބޮޑު ވަޒީރު ކޯޅެމުން އެ ދަނީ އެންމެންނަށް ފެންނަ ގޮތަށް ހާމަކަން ބޮޑު ގޮތުގައި. ގައުމުގައި މި ކޯޅުން އޮތްހާ ހިނދު މި ގައުމަށް ބޭރުގެ އެއްވެސް އިންވެސްޓަރެއް ނާންނާނެ،" ރާޖަކަޕްސާ ވިދާޅުވި އެވެ.

ލަންކާ ފައިސާގެ އަގު މި ހަފުތާގައި ވަނީ ޑޮލަރަކަށް 170 އަށް ދަށަށް ގޮސްފަ އެވެ. މި އަހަރު ފެށުނު ފަހުން ފައިސާގެ އަގު ވަނީ 9.9 ޕަސެންޓް ދަށްވެފަ އެވެ.

ރާޖަޕަކްސާ ވިދާޅުވީ އޭނާ 2015 ވަނަ އަހަރު ވެރިކަމުން ދުރަށް ވަޑައިގެންނެވި އިރު ޑޮލަރަކަށް ޖެހޭ އަގު ހުރީ 131.40 ގައި ކަމަށެވެ.

"ފައިސާގެ އަގު ވެއްޓެމުން ދިއުމުގެ ސަބަބުން ލަންކާގެ ބޭރުގެ ދަރަނި ވަނީ މައްޗަށް ގޮސްފައި. 2014 ވަނަ އަހަރު ބޭރުގެ ދަރަނި ހުރީ 7،391 ބިލިއަން ރުޕީސްގައި، ނުވަތަ ޖީޑީޕީގެ 71 ޕަސެންޓްގައި. ނަމަވެސް ބޭރުގެ ދަރަނި މިހާރު ވަނީ 87 ޕަސެންޓަށް އަރާފައި. އިންޓަރެސްޓް ޕޭމަންޓް ވެސް ވަނީ ޑަބަލްވެފައި،" ރާޖަޕަކްސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމުގައި ހުންނެވި ނަމަ ފައިސާ އަގު މިހާރަށް ވުރެ މާބޮޑަށް ވެސް މެނޭޖް ކުރެވުނީސް ކަމަށެވެ. އަދި އިގްތިސާދު ރަނގަޅު ކުރަން ސަރުކާރުގެ ޚިޔާލު މިހާރު ހުސްވެފައިވާ ކަމަށް ވެސް ރާޖަޕަކްސާ ވިދާޅުވި އެވެ.

"އިންތިޚާބު ބާއްވަވާ! ވެރިކަން އަޅުގަނޑުމެންނަށް ހަވާލު ކުރައްވާ! އޭރުން ދައްކާލަ ދޭނަން އިގްތިސާދު ހަމައަކަށް އަޅުވާނެ ގޮތް،" ރާޖަޕަކްސާ ވިދާޅުވި އެވެ.

ލަންކާގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވީ ދަރަނީގެ ދަންތުރައެއްގައި ލަންކާ ޖެއްސީ ރާޖަޕަކްސާ ކަމަށެވެ. އަދި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ލޯނަށް ދައްކަން ޖެހޭ ވަރު އަހަރަކު 4.5 ބިލިއަން ޑޮލަރަށް އަރާ ކަމަށާއި އޭގެ ތެރޭން 80 ޕަސެންޓަކީ ރާޖަޕަކްސާގެ ވެރިކަމުގައި ނަގާފައިވާ ލޯނުތައް ކަމަށް ވިދާޅުވި އެވެ.