ޓްރަމްޕުގެ ސަރުކާރަކީ ދުނިޔެ އަށް ހުރި ބިރެއް: އީރާން

ތެހެރާން (ސެޕްޓެމްބަރު 23) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަކީ މެދުއިރުމަތީގެ ސުލްހައިގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައިވާ ބޮޑު ބިރެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.


"މުޅި މެދުއިރުމައްޗާއި ބައިނަލްއަގުވާމީ ސުލްހަ އާއި ހަމަޖެހުމާއި ރައްކާތެރި ކަމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ބިރެއް އެބައޮތް. އެއީ ޓްރަމްޕުގެ ސަރުކާރު،" ޒަރީފް ވިދާޅުވި އެވެ. "އެމެރިކާ އިން އެބަޖެހޭ އާދައިގެ ދައުލަތެއް ގޮތަށް ހަރަކާތްތެރިވާން."

އެމެރިކާ އާއި އީރާނާ ދެމެދު ގުޅުން ހީނަރުވެފައި ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިދިޔަ މެއި މަހު ވަކިވުމާ ގުޅިގެންނެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރެއްވުމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ މި ހަފުތާގައި ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް އީރާނުގެ ރަސްމީ މީޑިއާ އިން ވަނީ ބުނެފަ އެވެ. ރޫހާނީގެ ދަތުރުގައި ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައެއް ނުވެ އެވެ.