ނޯތު ކޮރެއާ އަށް ތެޔޮ ދޭ ކޮންމެ ގައުމަކަށް ފިޔަވަޅު އަޅާނަން: އެމެރިކާ

ވޮޝިންޓަން (ސެޕްޓެމްބަރު 24) - ނޯތު ކޮރެއާ އަށް ތެޔޮ ސަޕްލައި ކުރާ ކޮންމެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.


ބެލެވޭ ގޮތުގައި މިއީ އެމެރިކާ އިން ރަޝިޔާ އަށް ދިން އިންޒާރެކެވެ. އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިއްކީ ހޭލީ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ރަޝިޔާ އިން ޚިލާފުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ހީތާ ނައުއަޓް ވިދާޅުވީ އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަތުމަށް ތަފާތު އުކުޅުތައް ނޯތު ކޮރެއާ އިން ބޭނުންކުރަމުންދާ ކަމަށެވެ. އަދި ނޯތު ކޮރެއާގެ ބޯޓު ފަހަރަށް ތެޔޮ ޓްރާންސްފާ ކުރުމަކީ އދ.ގެ މެންބަރު ކޮންމެ ގައުމަކަށް މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޯތު ކޮރެއާ އެކު ގަވާއިދާޚިލާފަށް ވިޔަފާރި ކުރާ ކޮންމެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާ ފަސް ނުޖެހޭނެ،" ހީތާ ވިދާޅުވި އެވެ.

ނޯތު ކޮރެއާ އިން ތަކުރާރުކޮށް ކުރި މިސައިލް ޓެސްޓްތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ އިއްތިފާގުން ނޯތު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފާސްކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ.

"އެކަމަކު މި ފިޔަވަޅުތަކާ ޚިލާފަށް ނޯތު ކޮރެއާއާ އެކު ރަޝިޔާ އިން ވިޔަފާރި ކުރާ ކަމުގެ ހެކި އެމެރިކާ އަށް ލިބިފައި ވަނީ،" އދ.ގެ ސަފީރު ހޭލީ މިދިޔަ ހޯމަ ދުވަހު ވިދާޅުވި އެވެ. "ރަޝިޔާ އިން ދަނީ ނޯތު ކޮރެއާގެ ބޯޓު ފަހަރަށް ކަނޑު މަތިން ތެޔޮ އަޅައިދެމުން."

ނޯތު ކޮރެއާ އަށް ތެޔޮ ސަޕްލައި ކުރަން އދ. އިން ހުއްދަކޮށްފައި ވަނީ އަހަރަކު 500،000 ފީފާ އެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ޓޭންކަރުތަކުން ނޯތު ކޮރެއާ އަށް ގަވާއިދާޚިލާފަށް ތެޔޮ ސަޕްލައި ކުރުމުގެ 148 މައްސަލަ މި އަހަރު ފާހަގަކުރެވިފައިވާ ކަމަށެވެ.