15 އަހަރަށް ފަހު މަހާތިރު އދ. އަށް

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 24) - މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު އދ. އަށް ވަޑައިގެން މި ފަހަރު ކުރައްވާ ތަގްރީރަކީ 15 އަހަރަށް ފަހު ބައިނަލްއަގުވާމީ ސްޓޭޖަށް ވަޑައިގެން ދެއްވާ ފުރަތަމަ ތަގްރީރެވެ.


އުމުރުން 93 އަހަރުގެ މަހާތިރު ނިއު ޔޯކަށް ވަޑައިގަންނަވާނީ މާދަމާ އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގެ 73 ވަނަ ބައްދަލުވުމުގައި ތަގްރީރު ކުރައްވާނީ ހުކުރު ދުވަހު އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި މަހާތިރު އެންމެ ފަހުން ތަގްރީރު ކުރައްވާފައި ވަނީ ސެޕްޓެމްބަރު 25، 2003 ގަ އެވެ. މަހާތިރު އިސްތިއުފާ ދެއްވީ އެ އަހަރުގެ އޮކްޓޯބަރު 31 ގަ އެވެ.

އދ.ގައި މަހާތިރު ދެއްވި އެންމެ ފަހު ތަގްރީރުގައި ވަނީ އެ ޖަމާއަތް ރިޕޯމް ކުރުމަށް ގޮވާލައްވައިފަ އެވެ.

މެލޭޝިއާގެ ޚާރިޖީ ވަޒީރު ސައިފުއްދީން އަބްދުﷲ ވިދާޅުވީ މަހާތިރު މި ފަހަރު ދެއްވާ ތަގްރީރުގައި ގައުމުގެ ޚާރިޖީ ސިޔާސަތު ސާފު ކޮށްދެއްވާނެ ކަމަށެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު ކަމަށް މަހާތިރު ވަޑައިގެންނެވީ މެއި މަހު 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކާމިޔާބު ހޯއްދަވައިގެންނެވެ.