ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ތުއްތު ދަރިފުޅާ އެކު އދ. މަޖިލިސްގައި

ނިއު ޔޯކް (ސެޕްޓެމްބަރު 25) - ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން އދ.ގެ އާއްމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ތިން މަހުގެ ތުއްތު ދަރިފުޅާ އެކު ވަޑައިގެންފި އެވެ.


އދ.ގެ ޖެނެރަލް އެސެމްބްލީގައި އާޑާން ތަގްރީރު ކުރެއްވުމުގެ ކުރިން އިންނެވީ ކުޑަ ދަރިފުޅު ނީވް ޓެ އަރޯހާ އުރާލައްވައިގެންނެވެ. ތަގްރީރު ކުރެއްވުމަށް އާޑާން ވަޑައިގެންނެވި ވަގުތު ކުޑަ ދަރިފުޅާ ހަވާލުވީ އެކަމަނާގެ ބައިވެރިޔާ ކްލާކް ގޭފޯޑް އެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު އާޑާން އދ.ގައި ތަގްރީރުގައި ކުރައްވާއިރު އެކަމަނާގެ ބައިވެރިޔާ ގޭފޯޑް ކުޑަދަރިފުޅު ގޮވައިގެން. --ފޮޓޯ:އޭއެފްޕީ

އާޑާން އަކީ ވެރިކަމުގައި ހުންނަވަނިކޮށް ބޭފުޅަކު ލިބިވަޑައިގެންނެވި ދެ ވަނަ އަންހެން ލީޑަރެވެ. މިއީ ކުޑަ ދަރިފުޅަށް ގާތުން ދޭ ދުވަސްވަރު ކަމަށްވާތީ ދަރިފުޅު ގޮވައިގެން ނޫން ގޮތަކަށް އެކަމަނާ އަށް އދ. އަށް ކުރައްވާ ހަ ދުވަހުގެ ދަތުރުފުޅަށް ވަޑައިގަތުން ފަސޭހައެއް ނޫނެވެ.

"ނިއު ޒީލެންޑުގައި އުޅޭ އިރު ވެސް އަޅުގަނޑު އުޅެނީ އަބަދުވެސް ދަރިފުޅާ އެކު،" އާޑާން ވިދާޅުވި އެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު އާޑާން އދ.ގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޒީލެންޑް ހެރަލްޑް އަށް އާޑާން ވިދާޅުވީ ބައިވެރިޔާ ގޭފޯޑް އދ. އަށް ކުރައްވާ ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސަނީ އަމިއްލަ އަށް ކަމަށެވެ. ބޭބީ ނީވް އަށް ވަނީ އދ. ގެ ޚާއްސަ އައިޑީ ކާޑެއް ހަދައިދީފަ އެވެ.

މިދިޔަ ޖޫން މަހު 21 ވަނަ ދުވަހު ދަރިފުޅު ލިބިވަޑައިގަތުމާ ގުޅިގެން ހަ ހަފުތާގެ ޗުއްޓީއެއް ނެންގެވުމަށް ފަހު އާޑާން މަސައްކަތަށް ނުކުމެވަޑައިގެންނެވީ މިދިޔަ މަހު އެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު އާޑާން އދ.ގައި ތަގްރީރުގައި ކުރައްވާއިރު އެކަމަނާގެ ބައިވެރިޔާ ގޭފޯޑް ކުޑަދަރިފުޅު ގޮވައިގެން. --ފޮޓޯ:ރޮއިޓާސް

"ބޮޑު ވަޒީރު އާޑާން އެ ވަނީ ތުއްތު ދަރިފުޅަކު ބަލަމުންދާ މަންމައަކަށް ވުރެ ރަނގަޅަށް ގައުމު ތަމްސީލް ކޮށްދެވޭނެ އެހެން ވެރިއަކު ނެތްކަން ސާބިތު ކޮށްދެއްވައިފައި،" އދ.ގެ ތަރުޖަމާން ސްޓެފާން ޑުޖާރިކް ވިދާޅުވި އެވެ. "ދުނިޔޭގެ ލީޑަރުންގެ ތެރޭން އަންހެނުންގެ ނިސްބަތަކީ ފަސް ޕަސެންޓް. އެހެންވެ އަންހެން ލީޑަރުންނަށް އދ. އިން މަރުހަބާ ކިޔަން ޖެހޭ."