ސަލާމަތީ އޮފިޝަލުންތަކެއް ޓްރަމްޕާ ދެކޮޅަށް ދެތުވެއްޖެ

ވޮޝިންޓަން (އޮގަސްޓް 9) - ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވާނީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސްކަން ލިބޭ އެންމެ ފަރުވާ ކުޑަ އަދި މަގާމަށް އެކަށީގެން ނުވާ ރައީސް ކަމަށް ބުނެ ޕާޓީގެ ގައުމީ ސަލާމަތާ ބެހޭ 50 އަށް ވުރެ ތަޖްރިބާކާރުން ހުޅުވާލާފައިވާ ސިޓީއެއްގައި ސޮއިކޮށްފި އެވެ.


ސިޓީގައި ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ސީއައިއޭގެ ކުރީގެ ޑިރެކްޓަރު މައިކަލް ހައިޑަން ވިދާޅުވީ ވެރިއެއްގެ ގައިގައި ހުންނަން ޖެހޭ ސިފަތައް ޓްރަމްޕް ކިބައިގައި ނެތް ކަމަށެވެ.

ސިޓީގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެމެރިކާގެ މުއައްސަސާތަކާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ފަދަ ކަންކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ޓްރަމްޕަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ސިޓީގައި ސޮއިކޮށްފައިވާ އެކަކު ވެސް ޓްރަމްޕަށް ވޯޓު ނުދޭނެ ކަމަށް ބުނެފައިވެ އެވެ.

ޓްރަމްޕް އަކީ ރައީސް ކަމަށް އެންމެ ނާގާބިލް މީހާ ކަމަށް ޕާޓީގެ އިސް ފަރާތްތަކުން ވަނީ ބުނެފައި.

ސިޓީގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އޭގައި ސޮއިކޮށްފައި ވަނީ ވެރިކަމަށް ދަހިވެތިވެފައިވާ ފޭލްވެފައިވާ ގްރޫޕެއް ކަމަށެވެ.

ސިޓީގައި ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ނޭޝަނަލް އިންޓަލިޖެންސް ކޮމިޓީގެ ކުރީގެ ޑިރެކްޓަރު އަދި ފަހުން ޚާރިޖީ ވަޒީރުގެ ނައިބް ޖޯން ނެގްރެޕޮންޓެ އާއި ޚާރިޖީ ވަޒީރުގެ ކުރީގެ ނައިބް އަދި ވޯލްޑް ބޭންކުގެ ކުރީގެ ރައީސް ރޮބާޓް ޒޮއެލިކް އާއި ހޯމްލޭންޑް ސެކިއުރިޓީ އާއި ބެހޭ ކުރީގެ ދެ ވަޒީރުން ކަމަށްވާ ޓޯމް ރިޖާއި މައިކަލް ޝެޓޮފް ހިމެނެ އެވެ.

ރިޕަބްލިކަން ޕާޓީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުން ވަނީ މާޗު މަހު ވެސް މިފަދަ ލިޔުމެއް ތައްޔާރުކޮށްފަ އެވެ. އެކަމަކު އެންމެ ފަހުގެ ސިޓީގައި މުހިންމު ބޭފުޅުންތަކެއް ސޮއިކޮށްފައި މި ވަނީ ހިލަރީ ކްލިންޓަންގެ އީމެއިލް ސާވޭ ހެކް ކުރުމަށް ރަޝިޔާ އަށް ޓްރަމްޕް ގޮވާލެއްވުމާ ގުޅިގެން ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.

ސަލާމަތީ އޮފިޝަލުންގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ސިޔާސީ ބައެއް ބޭފުޅުން ވެސް ވަނީ ޓްރަމްޕަށް ވޯޓު ނުދޭނެ ކަމަށް ބުނެފަ އެވެ.