މަތިންދާ ބޯޓަކުން ކޮލަމްބޯ އަށް ހަމަލާ ދޭން އެލްޓީޓީއީ އިން އުޅުނު: ސިރިސޭނާ

ނިއު ޔޯކް (ސެޕްޓެމްބަރު 30) - ޗެންނާއީން މަތިންދާ ބޯޓެއްގައި ގޮސް ކޮލަމްބޯ އަށް ހަމަލާ ދޭން 2009 ވަނަ އަހަރު އެލްޓީޓީއީގެ ހަނގުރާމަވެރިން ރޭވި ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


އދ.ގެ އާއްމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް އެމެރިކާ އަށް ވަޑައިގެން ނިއު ޔޯކުގައި ދިރިއުޅޭ ސްރީ ލަންކާ ކޮމިއުނިޓީއާ ބައްދަލު ކުރައްވާ ސިރިސޭނާ ވިދާޅުވީ ތަމަޅަ ޓައިގަރުން އެފަހަރު ދޭން އުޅުނު ހަމަލާގެ މައުލޫމާތު އެމަނިކުފާނަށް ވުރެ ބޮޑަށް އެނގޭ މީހަކު ނުހުންނާނެ ކަމަށެވެ.

"ކުރީގެ ރައީސް ކޮލަމްބޯއަކު ނޫޅުއްވާ. ކުރީގެ ބޮޑު ވަޒީރު ނޫޅުއްވާ. ޑިފެންސް މިނިސްޓްރީގެ ސެކްރެޓަރީ އާއި ސިފައިންގެ ވެރިޔާ ވެސް ގައުމަކު ނެތް،" ލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު ދެ ހަފުތާގައި އެކްޓިން ޑިފެންސް މިނިސްޓަރަކަށް ހުންނެވި ސިރިސޭނާ ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ޓައިގަރުން ދީފާނެ ހަމަލާއަކުން ސަލާމަތްވުމަށް ސީނިއާ ލީޑަރުން ގައުމުން ބޭރަށް ވަޑައިގެން އުޅުއްވިކަމީ ސިއްރެއް ކަމަށެވެ.

"ތަމަޅަ ޓައިގަރުން އުޅުނީ ޗެންނާއީ ނުވަތަ ކޮންމެ ވެސް ޖަންގަލީގެ އޭރިޔާއަކުން މަތިންދާ ބޯޓެއްގައި ގޮސް ކޮލަމްބޯގެ އެކި ތަންތަނަށް ބޮން އަޅަން. އޭރު އެކްޓިން ޑިފެންސް މިނިސްޓަރަކީ އަޅުގަނޑު. ވައިގެ ހަމަލާއެއް ދީފާނެ ކަމުގެ ބިރަށް އެހެން އެންމެން ވަނީ ފިލާފައި. އަޅުގަނޑު ވެސް ކޮލަމްބޯއަކު ނުހުންނަން. ކޮލަމްބޯ އަށް ޓައިގަރުން ހަމަލާދީފާނެތީ އަޅުގަނޑު ވެސް ދިޔައީ ކޮލަމްބޯގެ ބޭރުގެ އެކި ތަންތަނުގައި މަޑުކުރަމުން،" ސިރިސޭނާ ވިދާޅުވި އެވެ.

އެލްޓީޓީއީ އިން ވަނީ 2007 އާއި 2009 ގައި ކޮލަމްބޯ އަށް ވައިގެ ހަމަލާދީފަ އެވެ. ލަންކާގެ ދާޚިލީ ހަނގުރާމަ ނިމިފައި ވަނީ މެއި 2009 ގަ އެވެ.