ފަލަސްތީނުގެ ޒުވާނާ އަށް ރެއާލުން ދިން ދައުވަތަށް އިޒްރޭލް ރަތަށް

މެޑްރިޑް (އޮކްޓޯބަރު 1) - އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ޖެހުމުން އަށް މަސް ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި ފަލަސްތީނުގެ 17 އަހަރުގެ ހިތްވަރުގަދަ އަންހެން ކުއްޖާ އަހަދް ތަމީމީއާ ރެއާލް މެޑްރިޑްގެ އޮފިޝަލުން ބައްދަލު ކުރުމުން އިޒްރޭލުން ހިތްހަމަނުޖެހިއްޖެ އެވެ.


ރެއާލް އާއި އެތުލެޓިކޯ މެޑްރިޑް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ކުރިން ރެއާލްގެ ފަރާތުން ވަނީ އެ ޓީމުގެ ކުރީގެ ފޯވާޑް އަދި އިންސްޓިޓިއުޝަނަލް ރިލޭޝަންސް ޑިރެކްޓަރު އެމިލިއޯ ބަޓްރަގުއެނޯ އާއި ކްލަބުގެ އިސް އޮފިޝަލަކު ބައްދަލުކޮށް ތަމީމީގެ ނަން ޖަހާފައިވާ ޖާޒީއެއް ހަދިޔާކޮށްފަ އެވެ. ތަމީމީ ޔޫރަޕަށް މިހާރު ކުރާ ދަތުރުގައި ރެއާލުން ވަނީ ސެންޓިއާގޯ ބަރްނެބޫ ސްޓޭޑިއަމަށް ދައުވަތު ދީފަ އެވެ.

ފަލަސްތީނުގެ ހިތްވަރުގަދަ އަންހެން ކުއްޖާ އަށް ރެއާލްގެ ޖާޒީއެއް ހަދިޔާ ކުރަނީ.

ތަމީމީ ޔޫރަޕަށް ފަށާފައިވާ ދަތުރުގެ ބޭނުމަކީ އިޒްރޭލުގެ އުދުވާނާ މެދު އަޑު އުފުލައި އެ މައްސަލަތައް ދުނިޔޭގެ ސަމާލު ކަމަށް އިތުރަށް ގެނައުމެވެ.

ނަމަވެސް ސްޕޭނަށް ކަނޑައަޅާފައި ހުންނަ އިޒްރޭލްގެ ސަފީރު ޑެނިއަލް ކަޓްނާ ވިދާޅުވީ ތަމީމީ އަކީ ސުލްހަ އަށް މަސައްކަތް ކުރާ ކުއްޖެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ޓެރަރިސްޓް ހަމަލާތައް ދިފާއު ކުރާ ކުއްޖެއް ކަމަށް ވިދާޅުވި އެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާން އެމަނުއެލް ނަހްޝަން ވިދާޅުވީ ރެއާލް އިން ތަމީމީއާ ބައްދަލު ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ހަމަނުޖެހުމާއި ނަފްރަތު އުފައްދާ ކުއްޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ޖެހުމުން ޖަލަށްލި ތަމީމީ ޖަލުން މިނިވަންކޮށްފައި ވަނީ މިދިޔަ ޖުލައި މަހު އެވެ.