މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ އަނބިކަނބަލުން ހައްޔަރުކޮށްފި

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 3) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް އޭނާގެ ވަކީލް ބުނެފި އެވެ.


މެލޭޝިއާގެ އެންޓި-ކޮރަޕްޝަން އެޖެންސީގެ އަމުރަށް ރަސްމާ ހައްޔަރުކޮށްފައި ވަނީ މިހާރު ބަލަމުންދާ މަލްޓި-ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައިގެ ތުހުމަތުގަ އެވެ.

މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރަސްމާ މިދިޔަ ހަފުތާގައި ހާޒިރުކޮށް 13 ގަޑިއިރު ވަންދެން ވަނީ ސުވާލުކޮށްފަ އެވެ.

އަގު ބޮޑު ތަކެތި ގަތުމަށް ބޭރަށް ކުރި ޚަރަދު ބޮޑު ދަތުރުތަކާއި އޭނާ ގެންގުޅުނު އެންމެ އަގު ބޮޑު ބްރޭންޑުގެ ދަބަސްތަކާއި ގަހަނާތަކުގެ ސަބަބުން އާއްމުންގެ ރުޅިވެރިކަން ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.

ނަޖީބާ ވެސް މިހާރު ވަނީ ދެ ފަހަރެއްގެ މަތިން އެންޓި ކޮރަޕްޝަން އެޖެންސީން ސުވާލުކޮށްފަ އެވެ. އެންމެ ފަހުން ސުވާލުކޮށްފައި ވަނީ 1އެމްޑީބީން ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ 681 މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ. އެ މައްސަލަ 2015 ވަނަ އަހަރު ފަޅާއެރުމުން ނަޖީބުގެ ވެރިކަމުގައި ވަނީ އެކަން ތަހުގީގުކޮށްފަ އެވެ. ނަމަވެސް މައްސަލަ ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.

ނަޖީބުގެ ވެރިކަން ވެއްޓުނު ފަހުން އޭނާއާ ގުޅުން ހުރި ތަންތަނުން މެލޭޝިއާ ފުލުހުން ވަނީ 273 މިލިއަން ޑޮލަރުގެ ތަކެތި ހޯދައިފަ އެވެ. އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ ސަބަބަކީ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.