ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ދުނިޔޭގެ ކޯޓުގެ ނިންމުން އީރާން ކޮޅަށް

ދަ ހޭގު (އޮކްޓޯބަރު 3) - އެމެރިކާ އިން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހިމެނޭ އިންސާނިއްޔަތާ ގުޅުން ހުރި އަސާސީ ތަކެތީގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އދ.ގެ އެންމެ މަތީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ދެހާސް ފަނަރަ ވަނަ އަހަރު ދުނިޔޭގެ ބާރުތަކާ އެކު އީރާނުން ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާ ވަކިވީ މެއި މަހު އެވެ. އޭގެ ފަހުން އީރާނާ ދެކޮޅަށް އެމެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

އީރާނުން ވަނީ އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅައިފަ އެވެ. އެ ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމާފައި ވަނީ އެމެރިކާ އިން މެއި 8 ވަނަ ދުވަހު އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އިންސާނިއްޔަތާ ގުޅުން ހުރި އަސާސީ ހުރިހާ މަދަލެއްގެ ދަތިކުރުމުގެ ފިޔަވަޅު އުވާލުމަށެވެ. އޭގެ ތެރޭގައި ބޭހާއި މެޑިކަލް ޑިވައިސް، ކާނާ އާއި ދަނޑުވެރިކަމާ ގުޅޭ ސާމާނާ އަދި މަތިންދާ ބޯޓުގެ ޕާޓްސް އެވެ.

ކޯޓުން ބުނެފައި ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އިންސާނިއްޔަތާ ގުޅޭ އައިޓަމްތައް ނުލިބިއްޖެ ނަމަ އީރާނުގެ ރައްޔިތުންގެ ސިއްހީ ހާލަތު ގޯސްވެ ރައްޔިތުންގެ ސިއްހަތަށް ގެއްލުންތަކެއް ފޯރާނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މަތިންދާ ބޯޓުގެ ޕާޓްސް ހުއްޓުވައިފި ނަމަ މަދަނީ ވައިގެ ދަތުރުފަތުރަށް ނުރައްކާވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފުރަތަމަ ބައި އެމެރިކާ އިން ތަންފީޒްކޮށްފައި ވަނީ އޮގަސްޓް މަހު ކުރީކޮޅު އެވެ. ދެ ވަނަ ބުރުގެ ފިޔަވަޅުތައް އަޅާނީ ނޮވެމްބަރު މަހު އެވެ.

އައިސީޖޭ އިން ނިންމަނީ އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތަކެވެ. އެކަމަކު އެ ކޯޓުގެ ނިންމުންތައް ތަންފީޒް ކުރަން ބާރު އަޅާނެ މެކޭނިޒަމެއް ނެތެވެ.