ނަޖީބުގެ އަންހެނުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފި

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 4) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް މަނީ ލޯންޑަރިންނާއި ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ މިއަދު ކޮށްފި އެވެ.


އުމުރުން 66 އަހަރުގެ ރަސްމާ އިއްޔެ ހައްޔަރު ކުރުމަށް ފަހު މިއަދު ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ވަނީ 17 ދައުވާއެއް ކޮށްފަ އެވެ. އެކަމަކު ރަސްމާ ވަނީ އެ ހުރިހާ ދައުވާއަކަށް އިންކާރު ކުރައްވައިފަ އެވެ. ދައުވާ އުފުލުމަށް ފަހު ކަފާލާތުގެ ދަށުން ރަސްމާ ވަނީ ދޫކޮށްލައިފަ އެވެ. ކަފާލާތުގެ ގޮތުގައި އޭނާ ވަނީ ދެ މިލިއަން ރިންގިޓް (480،000 ޑޮލަރު) ކޯޓުގައި ބަހައްޓައިފަ އެވެ. ރަސްމާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. އަދި މައްސަލައިގެ އެއްވެސް ހެކިވެރިއަކާ ގުޅުން ވަނީ ރަސްމާ އަށް މަނާކޮށްފަ އެވެ.

ޕްރޮސެކިއުޓަރުން ވަނީ، މައްސަލައިގެ ސީރިއަސް ކަމަށް ބަލައި ކަފާލާތުގެ ގޮތުގައި 10 މިލިއަން ރިންގިޓް ހޯދަން މަސައްކަތް ކޮށްފަ އެވެ. އިސް ޕްރޮސެކިއުޓަރު ގޯޕާލް ސްރީ ރާމް ވިދާޅުވީ މައްސަލައިގެ ހެކިވެރިއަކަށް ގުޅުއްވާ ރަސްމާ ވަނީ އޭނާއާ އެއްކޮޅަށް ބަޔާން ދިނުމަށް އެދިފައި ކަމަށެވެ. ދިފާއީ ވަކީލުން މަސައްކަތް ކުރީ 250،000 ރިންގިޓުގެ ކަފާލާތަކަށެވެ.

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރު އެންޓި-ކޮރަޕްޝަން އެޖެންސީ އަށް އިއްޔެ ހާޒިރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ރަސްމާގެ މައްޗަށް އުފުލި 17 ދައުވާގެ ތެރޭން 12 ދައުވާ އަކީ މަނީ ލޯންޑަރިންއާ ގުޅުން ހުރި މައްސަލަތަކެވެ. އޭގެ ތެރޭގައި 2013 އިން 2017 އަށް ރަސްމާގެ ނަމުގައި އޮތް އެކައުންޓަކަށް ޖަމާކޮށްފައިވާ ފައިސާ ހިމެނެ އެވެ. އެ މުއްދަތުގައި ވަނީ ހަތް މިލިއަން ރިންގިޓް ޖަމާކޮށްފަ އެވެ. އަނެއް ފަސް ދައުވާ ޓެކްސްއާ ގުޅުން ހުރި މައްސަލަތަކެވެ.

ރަސްމާ ކޯޓަށް ހާޒިރު ކުރީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު އެވެ. ރަސްމާ ރޭ ބަހައްޓާފައި ހުރީ އެންޓި-ކޮރަޕްޝަން އެޖެންސީގަ އެވެ.

މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރަސްމާ މިދިޔަ ހަފުތާގައި ހާޒިރުކޮށް 13 ގަޑިއިރު ވަންދެން ވަނީ ސުވާލުކޮށްފަ އެވެ.

އަގު ބޮޑު ތަކެތި ގަތުމަށް ބޭރަށް ކުރި ޚަރަދު ބޮޑު ދަތުރުތަކާއި ރަސްމާ ގެންގުޅުނު އެންމެ އަގު ބޮޑު ބްރޭންޑުގެ ދަބަސްތަކާއި ގަހަނާތަކުގެ ސަބަބުން އާއްމުންގެ ރުޅިވެރިކަން ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރު މިއަދު ކޯޓަށް ހާޒިރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ނަޖީބުއާ ވެސް އެންޓި ކޮރަޕްޝަން އެޖެންސީން މިހާރު ވަނީ ދެ ފަހަރެއްގެ މަތިން ސުވާލުކޮށްފަ އެވެ. އެންމެ ފަހުން ސުވާލުކޮށްފައި ވަނީ 1އެމްޑީބީން ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ 681 މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ. އެ މައްސަލަ 2015 ވަނަ އަހަރު ފަޅާއެރުމުން ނަޖީބުގެ ވެރިކަމުގައި ވަނީ އެކަން ތަހުގީގުކޮށްފަ އެވެ. ނަމަވެސް މައްސަލަ ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.

ނަޖީބުގެ ވެރިކަން ވެއްޓުނު ފަހުން އޭނާއާ ގުޅުން ހުރި ތަންތަނުން މެލޭޝިއާ ފުލުހުން ވަނީ 273 މިލިއަން ޑޮލަރުގެ ތަކެތި ހޯދައިފަ އެވެ. މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ ސަބަބަކީ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.